އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މައްޗަންގޮޅީ ފީރޯޒްވާދީ، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދު އަވަހާރަވުމާ ގުޅިގެން ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އެމަނިކުފާނަށް އިޙްސާސް ކުރުވިކަމަށެވެ.

ރައީސް ވިދާޅުވީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެއް ކަމަށެވެ.

މީގެއިތުރުން، ޝައިޚް އިސްމާޢީލަކީ ދިވެހި ގައުމަށް މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ހިދުމަތުގެ އިސް ސަފުގައި ހިދުމަތްކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޛެއް ކަމަށްވެސް ރައީސް މައުލޫމާތުދެއްވިއެވެ.

ރައީސް ވިދާޅުވީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދ. މީދޫ އަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށްވެސް ރައީސް ބުނެފައިވެއެވެ.

ރައީސް ވަނީ މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ލޮބުވެތި ޢާއިލާއަށް ތައުޒިޔާ ދަންނަވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިއުމަތާއި ރަހްމަތުގައި މަރްހޫމް ލެހެއްޓެވުންއެދި ވަނީ ދުއާ ދަންނަވާފައެެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުގައި އިސްލާމީ މަރުކަޒުގައިކަމަށެވެ.