ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީގައި ފަހަތުން އަރައި އައިވަރީ ކޯސްޓް ބަލިކޮށް، ޖަރުމަނުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ޖަރުމަނުން ގްރޫޕް ސްޓޭޖުގެ ބާކީ އެއް މެޗު އޮއްވައި، ގަދަ 32 ޓީމު ވާދަކުރާ ބުރުގެ ޖާގައެއް ކަށަވަރުކުރީ، ރޭ އައިވަރީ ކޯސްޓްގެ މައްޗަށް 2-1 އިން ކުރިހޯދައިގެންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނުން ވަނީ 7-1 ގެ ނަތީޖާއަކުން ކިއުރަސާއޯ ވެސް ބަލިކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2014 ‏ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ޖެހިގެން އައި ދެ ވޯލްޑް ކަޕްގައި ވެސް ޖަރުމަނު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ.

ކެނަޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ޖަރުމަނުގެ ކައި ހަވާޓްޒް ބޮލުން ފޮނުވާލި ބޯޅަ އައިވަރީ ކޯސްޓްގެ ގޯލުކީޕަރު ފޮފާނާ މަތަކުރި އިރު، 17 ވަނަ މިނެޓުގައި ޖަމާލް މުސިއާލާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

އޭގެފަހުން މެޗުގެ 21 ވަނަ މިނެޓުގައި ޖަރުމަނުގެ ކޯނަރަކުން ހުރަސްކުރި ބޯޅައެއް ކީޕަރު ފޮފާނާގެ އަތުގައި ޖެހިފައި ގޯލަށް ވަން ނަމަވެސް، ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތްކުރި ޖަރުމަނުގެ ޕަވްލޮވިޗް ކީޕަރަށް ފައުލުކުރި ކަމަށެވެ.

ޖަރުމަނުން އެޓޭކް ކުރަމުން ދަނިކޮށް، ލިބުނު ރަނގަޅު ފުރުސަތެއްގައި އައިވަރީ ކޯސްޓުން ލަނޑު ޖަހައި ލީޑު ނެގީ 29 ވަނަ މިނެޓުގަ އެވެ. މި ލަނޑު ޖަހައިދިނީ ކެޕްޓަން ފްރޭންކް ކެސިއޭ އެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ޖަރުމަނުން އުފެއްދި އެޓޭކެއްގައި ހަވާޓްޒް އައިވަރީ ކޯސްޓްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، އެ އެޓޭކް ކުރި އިރު، މުސިއާލާ އިދިކޮޅު ކުޅުންތެރިޔަކަށް ފައުލްކޮށްފައިވާތީ އެ ލަނޑު ބަލައިނުގަތެވެ.

ޖަރުމަނުގެ ދެ ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގަ އެވެ. އެގޮތުން 68 ވަނަ މިނެޓުގައި އެ ޓީމަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޑެނިޒް އުންޑާވް އެވެ.

މެޗުގެ 87 ވަނަ މިނެޓުގައި އައިވަރީ ކޯސްޓްގެ ނިކޮލަސް ޕެޕޭ އަރިމަތިން ކުރިއަށް އަރައި އޭރިއާ ތެރެއަށް ހުސްކޮށްދިން ބޯޅަ އަށް ގޯލަށް ފޮނުވާނުލެވި، އަލުން ލީޑު ނަގަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަރުމަނު މޮޅުވި ލަނޑުވެސް ޖަހައިދިނީ އުންޑާވް އެވެ. މިއީ އެ ޓީމުގެ އޭރިއާ ފީލިކްސް ނެމެޗާ އައިވަރީ ކޯސްޓްގެ ތެރެއަށް ދިން ޕާހަކުން ކާމިޔާބުކުރި ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް، ބަދަލަކަށް ކުޅެން އަރައި ޖަރުމަނު ކޮޅަށް ނަތީޖާ އަނބުރާލި އުންޑާވް އެވެ.

މި ނަތީޖާއާއެކު ޖަރުމަނުން ދެވަނަ ބުރުގެ ޖާގަ ހޯދީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. އަދި މި މެޗުން އައިވަރީ ކޯސްޓް ބަލިވި ނަމަވެސް، ފުރަތަމަ މެޗުގައި އެކުއެޑޯ އަތުން ހޯދި ތިން ޕޮއިންޓާއެކު އެ ޓީމު މިވަގުތު އޮތީ ދެވަނައިގަ އެވެ.

މި ގްރޫޕްގައި ދެން ހިމެނޭ އެކުއެޑޯ އާއި ކިއުރަސާއޯ ރޭ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިއާއެކު މި ދެ ޓީމަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.