ވެޓް މާކެޓް ތަރައްގީކޮށް ހިންގުމުގެ މަޝްރޫޢުގައި މާލެ ސިޓީ ކައުންސިލުން އެއްބާރިލުން ނުދޭކަމަށް ބުނެ ހައުސިންގ މިނިސްޓްރީން ވާހަކަދައްކަނީ ކަން ހިނގިގޮތް ރަނގަޅަށް އެނގިތިބެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނީ މާލެ ސިޓީ ކައުންސިލް އިން މީގެ ކުރިން މާލޭގެ ވެޓް މާކެޓް ތަރައްޤީކޮށް ހިންގުމަށް ދެކުންފުންޏެއް ހަވާލުކޮށްފައިވާކަން ރަނގަޅަށްވެސް މިނިސްޓްރީއަށް އެނގޭނެކަމަށެވެ.
މާލޭގެ ވެޓް މާކެޓް ތަރައްޤީކުރުމަކީ 2022 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު އެއް މަޝްރީއުގެ ގޮތުގައި ކަނޑައަޅާފައިވާ މަސައްކަތެއްކަމަށް ވުމާއެކު، މަޝްރޫއު ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ސަރުކާރުގެ ގެޒެޓުގައި އިއުލާންކުރެވި، ޕްރޮޖެކްޓް ހިންގުމަށް ތަފާތު 2 ކުންފުންޏަކާ ހަވާލުކޮށް އޭގެތެރެއިން އެއްކުންފުންޏަކާއި ބިން ހަވާލުކޮށްފައިވާކަންވެސް އިންޓަރނަލް އޮޑިޓް ރިޕޯޓުން ފެންނަން އޮންނާނެކަމަށް މާލެ ސިޓީ ކައުންސިލްއިން ވަނީ ބުނެފައެވެ.
އެ ގޮތުން އެ މަޝްރޫއު ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓްޑާ ހަވާލުކޮށްފައިވާ ކަމަށާއި، މަޝްރޫއަށް ކަނޑައަޅާފައިވާ ސަރަހައްދުގައި މިހާރު ހުރި ލޯކަލް މާރުކޭޓު ހުސްކޮށް، އެ ބިން ހަވާލުކުރުމަށް އެދި 29 މާރޗް ގައި މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލަށް އަނގާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް އެއީ ކުރިން އެހެންފަރާތަކާ ބިން ހަވާލުކޮށްފައިވަނިކޮށް، އެފަރާތުގެ ކިބައިން އެބިން އަތުލުމަށްފަހު އަދި ހަމަ މި ޕްރޮޖެކްޓް ހިންގުމަށް ވެފައިވާ ކުރިން ބުނެވުނު ދެ އެއްބަސްވުން ބާތިލްކޮށްގެން ނޫނީ އެހެންފަރާތަކަށް ހަމައެބިން ހަވާލުކުރުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް އަންގާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އަދި މަޝްރޫއު ކަނޑައަޅާފައިވާ ސަރަހައްދުގައި މިހާރު ހުރި ލޯކަލް މާރުކޭޓު ހުސްކޮށް އެ ބިން ހަވާލުކުރުމަށް އެދި 29 މާރޗްގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން މާލެ ސިޓީ ކައުންސިލަށް އެންގުމާ ގުޅިގެން ކަންކަން ވިލަރެސްކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް މިނިސްޓަރާ އެޕޮއިންޓްމަންޓެއް ހަމަޖައްސައި ދިނުމަށް ކައުންސިލުން ރަސްމީކޮށް އެދިފައިފައިވީ ނަމަވެސް މިހާތަނަށް އެކަމަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް އެ ކައުންސިލްއިން ވަނީ ބުނެފައެވެ.