ނ. މަނަދޫގައި ޤާއިމްކުރާ ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސްއާއި ދަނާލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. މި ރަސްމިއްޔާތިގައި އައިޔޫއެމްގެ އިސްވެރިންނާއި މަނަދޫގެ ކައުންސިލްގެ މެންބަރުން ވަނީ ބައިވެރިވެފައެެވެ.

އައިޔޫއެމްގެ ކެމްޕަސްތައް ތަރައްޤީކުރަނީ ކްލާސްރޫމްތަކާއި ލައިބްރީއާއި އިދާރީ އޮފީސް، ސެމިނަރ ސަރަޙައްދުވެސް ހިމެނޭހެންނެވެ. އަދި ދަރިވަރުން ތިބުމަށް ދަނާލުގެ އިތުރުން މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކްވެސް ތަރައްޤީ ކުރާނެއެވެ. އައިޔޫއެމްގެ އަމާޒަކީ 2 އަހަރުގެ ތެރޭގައި ހުރިހާ ތަނެއްގެ މަސައްކަތްތައް ނިންމާ ބޭނުން ކުރަން ފެށުމެވެ.

މި ސެންޓަރުތަކަކީ ޔުނިވަރސިޓީގެ ކެމްޕަހެއްގައި ހުންނަންޖެހޭ އަސާސީ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ މަރުކަޒުތަކެކެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި އައިޔޫއެމްގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑެޕިއުޓީ ވައިސް ޗާންސެލަރ އަހްމަދު އަމީން މުޙައްމަދު ވިދާޅުވީ، އަތޮޅުތަކުގެ މި ފަސް ރަށުގައި ލަރނިންގ ސެންޓަރުތައް ވަރަށް އަވަހަށް ގާއިމްކުރުމަށްޓަކައި ޔުނިވަރސިޓީން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.