ކައިވެނިތައް ރޫޅާލުމުގެ ކުރިން ދެމަފިރިންގެ ދެމެދު ސުލްހަކުރަން އެހީތެރިވެދޭނެ މީޑިއޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާ އަދި އެކަމަށް ނުކުންނަން ތިބި މީހުންނަށް، އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު މިއަދު ނަސޭހަތް ދެއްވައިިފި އެވެ.
ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޕްރޮފެޝަނަލް މީޑިއޭޓަރުން ނެތުމުން، އެ ތަންތަނަށް މީހުން ތަމްރީނު ކުރަން ހެލްތު މިނިސްޓްރީއާއި ޖުޑީޝަލް އެކަޑަމީ ގުޅިގެން ކުރިއަށް ގެންދާ "މީޑިއޭޝަން- ޓްރެއިނިން އޮފް ޓްރެއިނާސް" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ ރާއްޖޭގައި ވަރި ގިނަވުމުގެ މައްސަލަ އޮތް މިންވަރުގެ ވާހަކައަކީ ދައްކަން ފަސޭހަ ވާހަަކައެއް ނޫން ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރޫޅިގެންދާ ކޮންމެ ކައިވެންޏަކުން އުފަަންވެގެން އަންނަ އެތައް ބައިވަރު އިޖުތިމާއީ މައްސަަތަކެއް ހުންނަ ކަމަށާއި އަދި އޭގެ ސަބަބުން އާއިލާގެ ނަފުސާނީ ދުޅަހެޔޮކަމަށް ވަރަށް ފުން އަސަރު ކުރާ ކަމަށެވެ.
ރުޅިވެރިކަމާއި ނަފުރަތުގެ ވޭނުގެ އަަސަރު އެ ކަައިވެންޏާ ގުޅުންހުރި ހުރިހާ ދިމާލަކަށް ފެތުރިގެން ދާ ކަމަށާއި އެކަމުގެ އެންމެ ބޮޑު ވޭނެއް ހިއްސާކުރަން ޖެހެނީ ރޫޅިގެންދާ ކައިވެންޏަށް އުފަންވެފައި ތިބި މައުސޫމު ކުދީން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީޑިއޭޝަންގެ މަސައްކަތަކީ އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި "ގުޅުން ހީނަރުވެފައި ވަނިކޮށް، ކުލުނުގެ ފެނުން އެ ގުޅުމަށް ފެންދީ ބަދަހި އާއިލާއެއް ބިނާކޮށްދިނުމުގެ ހިތްހަމަޖެހުން" ލިބޭނެ މަސައްކަތެކެވެ. އެހެންވެ އެ މަސައްކަތުގައި އިހުލާސްތެރިކަމާ އެކު ދެމި ތިބެން އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.