ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ ވިޔަފާރިވެރިން ކަމަށްވާ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރިއަތުގެ ދެވަނަ އަޑު އެހުން ކްރިމިނަލް ކޯޓުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑު އެހުން މީގެ މަހެއްހާ ދުވަސް ކުރިން ފަށާފައިވާއިރު، އަދި ކުރިއަށް ދަނީ އިބްތިދާއީ އަޑު އެހުމުގެ ބައެވެ. މާދަމާގެ ޝަރިއަތް އޮތީ މެންދުރު އެކެއް ޖަހާއިރަށް ތާވަލުކޮށްފައެވެ.

މި މައްސަލައިގައި ދިގަލި އަދި އާއްޓޭވެސް ކުރިން ހައްޔަރު ކުރިއެވެ. އެކަމަކު ފަހުން އެ މީހުން ދޫކޮށްލީއެވެ. ޕީޖީން ކުރިން ބުނީ ދިގަލި ވަހީދާއި އާއްޓޭ, ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ.

މި އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރެއް އެމްޕީއެލް ޓާމިނަލުގައި ބަހައްޓާފައި ހުއްޓައި ވަގަށް ނެގި މައްސަލާގައި ޝަރީއަތް ނިމެންދެން ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް ބަންދުކޮށްފައިވެ އެވެ. މި ދެ ވިޔަފާރިވެރިންގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އެވެ.