ގޭބިސީގެ އާމްދަނިއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ، މި ހަފުތާގައި އައްޑޫ ސިޓީ ހިމެނޭހެން 3 އަތޮޅެއްގައި ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.
މިއީ މުޅި ރާއްޖެ ހިމެނޭހެން ކުރިޔަށް ގެންދާ ސަރވޭއެކެވެ. މި ސަރވޭއަށް މައުލޫމާތު އެއްކުރުމުގެ ދެ ބުރެއް މިހާތަނަށް މާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަތޮޅުތަކުގައި ސަރވޭގެ މަސައްކަތް ފެށީ މިދިޔަ މަހުއެވެ. އެގޮތުން މިހާތަނަށް ކ އަދި މ އަތޮޅުން ހޮވާލެވުނު ރަށްތަކުގައި ވަނީ ސަރވޭގެ މަސައްކަތް ނިންމާފައެވެ.
ސްޓެޓްސް ބިއުރޯއިން މިހާރު މިވަނީ ސަރެވޭގެ މަސައްކަތް އައްޑޫ ސިޓީ، ލ.އަތޮޅު އަދި ނ.އަތޮގައި ފަށަން ތައްޔާރުވެފައެވެ. މި އަތޮޅުތަކުން ހޮވާލެވުނު ރަށްތަކުގައި، މިމަހުގެ 28ގެ ނިޔަލަށް ސަރވޭގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ޖަނަވަރީ 2026 އިން ފެށިގެން މާލެއާއި އަތޮޅުތެރޭން ހޮވާލެވިފައިވާ ރަށްތަކެއްގައި ގޭބިސީގެ އާމްދަނީއާއި ހަރަދުކުރުން ހުރިގޮތުގެ ސަރވޭ ކުރުމަށްވަނީ ހަމަޖެހިފައެވެ.
މި ސަރވޭއަކީ އިގްތިސާދީ އަދި އިޖްތިމާއީ މައުލޫމާތު އެއްކުރުމަށް ކުރެވޭ ފެންވަރުގެ ވަރަށް މުހިއްމު ސަރވޭއެއް ކަމަށް އެމްބީއެސްއިންވަނީ ބުނެފައެވެ. މި ސަރވޭގެ މައިގަނޑު މަގްސަދު ތަކަކީ ގޭބިސީގެ އެވްރެޖް ހަރަދާއި އެކި ކަންކަމަށް ހަރަދުކުރާ މިންވަރު ދެނެގަތުން، ފަގީރުކަމުގެ މިންގަނޑުތައް އެކުލަވާލުން، ބާޒާރުގެ އަގުތަކުގެ މިންގަނޑު (ސީފީއައި) ގެ ބަރުދަން (ވެއިޓްސް) އިސްލާހުކުރުން އަދި ގޭބިސީގެ އެވަރެޖް އާމްދަނީ އާއި ހަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުން ހިމެނެއެވެ.
އެމްބީއެސްއިން ބުނީ މިސާރވޭއިން ނެގޭ މައިގަނޑު މައުލޫމާތުތަކުގެ ތެރޭގައި ގޭބިސީ މެންބަރުންގެ ހަރަދުތަކުގެ ތެރެއިން ވޭތުވެދިޔަ ހަފްތާއާއި ވޭތުވެދިޔަ މަސް، ވޭތުވެދިޔަ 3 މަސް، 6 މަސް އަދި ވޭތުވެދިޔަ 12 މަސް ދުވަހު ކޮށްފައިވާއެކިއެކި ހަރަދުތައް ހިމެނޭނެއެވެ. މީގެތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދި ސިއްހީ ފަރުވާއަށް ދިޔަ ހަރަދުތަކާއި ތަފާތު އެކި ބޭނުންތަކަށް ކޮށްފައިވާ ދަތުރުފަތުރަށް ދިޔަ ހަރަދު ހިމެނެއެވެ.
އެމްބީއެސްއިން ބުނީ ގޭބިސީގެ އާންމު މައުލޫމާތާއި، ވަކިވަކި ފަރުދުންގެ މައުލޫމަތާއި، ދިރިއުޅުމުގެ ފެންވަރާއި، ހަރުމުދަލާއި ބެހޭ މައުލޫމާތާއި، ގޭބީސީގެ މެންބަރުންގެ ވަޒީފާއާއި، އާމްދަނީއާއި ބެހޭ މައުލޫމާތު އެއްކުރެވޭނެއެވެ. އަދި ހަމަ އެފަދައިން، ގޭބިސީގައި ކެއުމަށް ބޭނުން ކުރެވުނު ތަކެއްޗާއި، އެތަކެއްޗަށް ހިނގާފައިވާ ހަރަދުތަކުގެ އިތުރުން، ވޭތުވެ ދިޔަ 7 ދުވަހުގެ ތެރޭގައި ބޭރުން ކެއުންބުއިމަށް ކޮށްފައިވާ ހަރަދުގެ މައުލޫމާތު ނެގޭނެ ކަމަށާއި އޭގެ އިތުރުން ގޭބިސީގެ މެންބަރުން ވަގުތު ހޭދަކުރާ ގޮތުގެ މައުލޫމާތުވެސް ނެގޭނެ ކަމަށް އެމްބީއެސްއިން ވަނީ ބުނެފައެވެ.
މިސަރވޭއަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު ގެ ދަށުން ހުއްދަލިބިގެން ކުރާ ސަރވޭއެކެވެ. މިގާނޫނުގެ 46 ވަނަ މާއްދާގައިވާފަދައިން، މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތު ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެއެވެ. ގާނޫނުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަކީ އާންމުންގެ މަސްއޫލިއްޔަތެކެވެ.