މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މ. ދިއްގަރުގައި އެ ބޭންކުގެ އާ ސޭލްސް ސެންޓަރަކާއި، އޭޓީއެމްއެއް ހުޅުވައިފިއެވެ.

މ. ދިއްގަރުގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިދެއްވީ އެކަމަށްޓަކައި ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިއްގަރު ކައުންސިލުގެ ރައީސް އަހްމަދު ނިޝާނާއި، އެމްއައިބީގެ އިސްވެރިންނެވެ.

އެމްއައިބީން "އެކްސް"ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެެއް ކަމަށެވެ.

މީގެ އިތުރުން އަލަށް ގާއިމުކުރި މި ސޭލްސް ސެންޓަރުން ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭއިރު، އަލަށް ހުޅުވުނު އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ދިއްގަރު ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ހާމަކުރެއެވެ.

އެމްއައިބީން ބުނީ މި ހިދުމަތްތައް ފަރުމާކޮށްފައި ވަނީ ބޭންކިން ފަސޭހަކުރުމާއި ރަށުގެ މުޖުތަމައުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށް ކަމަށެވެ.

އަމްއައިބީން ގެންދަނީ މާލީ ހިދުމަތް ފޯރުކޮށްދިނުން އިތުރުކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އެ ބޭންކުގެ ހިދުމަތްދޭ މަރުކަޒުތަކާއި އޭޓިއެމްތައް ގާއިމުކުރަމުންނެވެ.