ފިހާރައަކަށް ވަދެ މާރާމާރި ހިންގައި އެތަނުގެ މުވައްޒަފުންނަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މީހަކު ތޫނު ހަތިޔާރު ހިފައިގެން ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރިއާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ރޭ ދަންވަރުގެ ވަގުތެއްގައި މި މީހާ ވަނީ ހުޅުމާލެ ފޭސް 2 ގެ އެމްއޭސީއެލް ޓަވަރުތައް ކައިރީގައި ހުރި ފިހާރައަކަށްވަދެ އެތަނުގެ މުވައްޒަފުންނަށް އިންޒާރުދީ، މާރާމާރީ ހިންގާ ތަނުގެ މުދަލަށް ގެއްލުންދީފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް މައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.