ތ. ވަންދޫގައި އިމާރާތްކުރާ މިސްކިތުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން "އެކްސް"ގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ރަށުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތުގެ 95 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

އެ މިސްކިތުގެ މަޝްރޫއު ކުރިއަށް ގެންދަނީ 630،000 ޑޮލަރަށް އެލްއެފް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނެއެވެ. އަދި އެ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ބިންގާ ރަސްމީކޮށް އަޅުވައިދެއްވާފައި ވަނީ މިނިސްޓަރު އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމާއި ވަންދޫ ކައުންސިލްގެ ރައީސް ޝިޔާޒް އިބްރާހީމެވެ.

މީގެއިތުރުން، ތ. ދިޔަމިގިލީގައި އިމާރާތްކުރާ އައު މިސްކިތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އެ އަތޮޅު ކަނޑޫދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގައި މިހާރު ކުރިއަށްދަނީ ސީލިންގ ކުރުމުގެ މަސައްކަތް ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.