މާމަ ދަރިފުޅު މަރާލިކަން ސާބިތުވެ، ދިވެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ، އަދި އިތުރު މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އާއްމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދިޔަ މި މައްސަލަ އަކީ 2019 ވަނަ އަހަރުގެ ތެރޭގައި ވިހާފައި ތުއްތު ކުއްޖަކު މަރާލި މައްސަލައެކެވެ.
ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، މި މައްސަލައިގެ ހުކުމް އިއްވިއިރު، މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ތިން މީހުންގެ މައްޗަށް ވެސް އިއްވާފައި ވަނީ ޖަލު ހުކުމެވެ. މި ތިން މީހުންވެސް މި މައްސަލައިގައި ކުށަށް އިއުތިރާފުވެ، އިއުތިރާފުގެ އެއްބަސްވުން ދައުލަތާއެކު ހަދާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި މައްސަލައިގައި ކުއްޖާ މަރާލުމުގައި އިސްކޮށް މާމަ އުޅުނު ކަމަށާއި، ދެން އެކަމުގައި އުޅުނީ، މާމަގެ ލޯބިވެރިޔާއާއި އުފަންވީ ތުއްތު ކުއްޖާގެ މަންމަގެ ލޯބިވެރިޔާ ކަމަށް އެނގިފައިވެއެވެ.
މީގެއިތުރުން، މަރާލި ކުޑަ ކުއްޖާގެ މަންމައަކީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްކަމަށާއި، އޭނާއަށް ލިބުނު ކުއްޖާއަކީ ކައިވެނީގެ ބޭރުން ލިބިފައިވާ ކުއްޖެއް ކަމުގެ ތުހުމަތު އަމާޒުވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ތުހުމަތު ކުރެވޭ ގޮތުގައި ކުއްޖާގެ ބައްޕައަކީ މި ހާދިސާގައި ދެން ހިމެނޭ މީހާ ކަމަށާއި، އޭނާ ވެސް މިހާރު ޖަލަށް ލާފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މިއީ 2019 ވަނަ އަހަރު މެދުރާއްޖެތެރޭގެ ރަށެއްގައި ހިނގި ހާދިސާއެއް ކަމަށްވާއިރު، މި މައްސަލައިގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.