ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފަރުމަސް ބޭނުމުގެ މުބާރާތުގެ އެއްވަނަ ބ. ތުޅާދޫގެ ޓީމުން ހޯދައިފިއެވެ.
މި މުބާރާތުގައި ތުޅާދޫއިން ބައިވެރިކޮށްފައިވަނީ، "ދޮން އިސްމާއީލް" ޓީމެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 109 ޓީމުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުން ބައިވެރިވި 18 ޓީމުވެސް ހިމެނެއެވެ.
މި މުބާރާތުގައި މަސްބޭނުން ކުރިއަށްގެންގޮސްފައިވަނީ އިއްޔެ މެންދުރުފަހު 15:00 އިން ފެށިގެން ރޭގެ 21:00 ގެ ނިޔަލަށެވެ. ވަގުތު ހަމަވިއިރު ދޮން އިސްމާއީލްގެ ޓީމުން ވަނީ 214 ކިލޯގެ މަސް ބާނާފައެވެ.
މި މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލިއިރު، މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދިޔަ ޓީމުތަކަށާއި، އެންމެ ބަރު މަސް ބޭނި ފަރާތަށް ވަނީ ފައިސާގެ އިނާމް ދީފައެވެ. މި އިނާމުތަށް ހަވާލުކޮށްދެއްވީ، މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
ފަރުމަސް މުބާރާތުން 1 ވަނައަށް ދިޔަ ބ.ތުޅާދޫ، ދޮންއިސްމާޢީލް ޓީމަށް 30،000 ރުފިޔާ އިނާމުގެ ގޮތުގައި ހަވާލުކޮށްފައިވާއިރު، 2 ވަނަ ޓީމު ޏ.ފުވައްމުލަކު، މެޖިކްލީން ޓީމަށް 25،000 ރުފިޔާ އަދި 3 ވަނަ ޓީމު ކަމަށްވާ ތ.ހިރިލަންދޫ، ކަޅަކައުންޑު ޓީމަށް 20،000 ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.
މި މުބާރާތުގެ އެއްވަނައިގެ އިތުރުން އެންމެ ބަރު މަސް ބާނައިގެން އިނާމްގެ ގޮތުގައި ދިން 5000 ރުފިޔާގެ ފައިސާގެ އިނާމުވެސް ހާސިލުކުރީ ތުޅާދޫ ދޮން އިސްމާޢީލް ޓީމުންނެވެ. އެންމެ ބަރުމަސް ބޭނީ، ތުޅާދޫގެ ކެޔޮޅެއްކަމަށްވާ ރިޔާޒް މުޙައްމަދު ހަބީބެވެ.
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގުމުގެ ބޭނުމަކީ މުޖްތަމަޢުތަކުގެ މެދުގައި ކަނޑުފަޅުތަކަށް އޮންނަ ލޯބި އަށަގަންނުވައި އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ރޫހު އާލާކުރުންކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.