ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި 3-0 ހެއިޓީ ބަލިކޮށް ބްރެޒިލްއިން ގްރޫޕްގެ އެއްވަނައަށް ޖެހިލައިފި އެވެ.
މިއީ މިއަހަރުގެ މުބާރާތުގައި ބްރެޒިލް ހޯދި ފުރަތަމަ މޮޅެވެ. ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ބްރެޒިލް ވަނީ 1-1 އިން މޮރޮކޯއާ އެއްވަރުވެފަ އެވެ.
މިއަދުގެ މޮޅާއެކު ބްރެޒިލްއިން ގްރޫޕްގެ އެއްވަނައަށް އެރީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ރޭ މޮރޮކޯއިން ވެސް 1-0 އިން ސްކޮޓްލެންޑް ބަލިކޮށް ހަތަރު ޕޮއިންޓް ހޯދި ނަމަވެސް، ލަނޑުގެ ތަފާތުން ކުރި ލިބެނީ ބްރެޒިލްއަށެވެ.
އަނެއްކޮޅުން ބްރެޒިލް އަތުން ބަލިވެ ހެއިޓީ ވަނީ މިފަހަރުގެ ވޯލްޑް ކަޕުން ކެޓި ފުރަތަމަ ޓީމަށް ވެފަ އެވެ.
ފިލަޑެލްފިއާ ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މި މެޗު ވަރުގަދަކޮށް ފެށި ބްރެޒިލްގެ ރަފީނިއާ 11 ވަނަ މިނެޓުގައި ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ޖެހި އިރު އޭނާ ހުރީ އޮފްސައިޑް މަގާމެއްގަ އެވެ. އޭގެފަހުން 21 ވަނަ މިނެޓުގައި ރަފީނިއާއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
ބްރެޒިލްއިން މެޗުގެ 23 ވަނަ މިނެޓުގައި ލީޑު ނެގީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މަޓެއުސް ކޫންޏާގެ ލަނޑުންނެވެ. މިއީ ވިނީޝިއުސް ޖޫނިއާ ފޮނުވާލި ބޯޅައެއް ކީޕަރު މަތަކުރުމުން، ހެއިޓީގެ ޑިފެންޑަރުން އެ ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ކޫންޏާގެ ފައިގައި ޖެހިފައި ވަން ލަނޑެކެވެ.
މެޗުގެ 36 ވަނަ މިނިޓުގައި ބްރެޒިލްއަށް ދެވަނަ ލަނޑު ޖަހައިިދިނީ ވެސް ކޫންޏާ އެވެ. ވިނީޝިއުސް ދިން ޕާހަކުން ކޫންޏާ ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ރަފީނިއާއަށް އަނިޔާވުމާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހުނެވެ.
ބްރެޒިލްއިން ލީޑު އިތުރަށް ފުޅާކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ވިނީޝިއުސް ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ވިނީ އެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ހެއިޓީގެ ރިކާޑޯ އާޑޭ ފޮނުވާލި ބޯޅަ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ބްރެޒިލްއިން އުފެއްދި އެޓޭކެއްގައި ގެބްރިއެލް މާޓިނެއްލީ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ.
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މެޗުގެ ފަހުކޮޅު ޒުވާން ފޯވާޑް އެންޑްރިކް އަރުވާފަ އެވެ. ކުޅެން ނުކުމެ މާގިނައިރުތަކެއްނުވެ އެންޑްރިކް ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑް ވުމުން އެ ލަނޑު ބަލައެއްނުގަތެވެ.
ގްރޫޕް ސީގެ ދެވަނަ މެޗުގައި ހެއިޓީ އަތުން ހޯދި ތިން ޕޮއިންޓާއެކު ސްކޮޓްލެންޑް ގްރޫޕްގެ ތިން ވަނައިގައި އޮތް އިރު، ފުލުގައި އޮތް ހެއިޓީއަށް ޕޮއިންޓެއް ނުލިބެ އެވެ.
މި ގްރޫޕްގެ ފަހު ދެ މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެގޮތުން އެރޭ ބްރެޒިލް އާއި ސްކޮޓްލެންޑް ވާދަކުރާ އިރު، ހެއިޓީ ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.