ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 15،601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަތީ، ކަނޑުމަގުން ރާއްޖެ ގެނައި ޝިޕްމެންޓެއްގައި ގާނޫނާ ގަވައިދާ ހިލާފް ތަކެތި ހުރި ކަމަށް ޝައްކުކުރެވޭތީ، ޖޫން 18 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައެވެ.

މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ހޯދުނު 15،601 ވޭޕް ކާޓްރިޖް ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ހިންގި 3 އޮޕަރޭޝަންގައި، ޖުމްލަ 22،309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ.

މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީޚް ކަމަށްވާ 15 ނޮވެމްބަރު 2024 ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓުކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.