މާލޭގައި މިހާރު ހުރި މަސްމާރުކޭޓްގެ ބަދަލުގައި އާ މަސްމާރުކޭޓާއި އެހެން ވަސީލަތްތައް ހިމެނޭ އިމާރާތެއް އަޅަން ސަރުކާރުން ކުރާ މަސައްކަތަށް މާލޭ ސިޓީ ކައުންސިލުން ހުރަސް އަޅަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކުރެވިފައިވާ މި އެޕިސޯޑްގައި، "މިހާރު" ނޫހުގެ ފަރާތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އިމާރާތް އަޅާނެ ބަޔަކު ހޯދައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެއްސިތާ މިހާރު ހަތަރު މަސް ދުވަސް ވެެއްޖެ ކަމަށާއި، މަސައްކަތް ފަށަން ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.

މިހާރު ދަންނަވަންޏާ ގާއްގަނޑަކަށް ހަތަރު މަސް ދުވަސް މިދިޔައީ އެއްވެސް މަސައްކަތެއް ނުކުރެވި ސަރުކާރުން ކަމާބެހޭ މިނިސްޓްރީއިން އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދާ ބޭންކް އޮފް މޯލްޑިވްސްއުން އެރޭންޖްމެންޓަކުން އެފަރާތުން މިދެންނެވި އެގްރީމެންޓެއް ހަދާ މިސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ފައިސާ ހަމަޖެހި މި ތައްޔާރަށް ކުންފުނިއޮތީ މިނިސްޓްރީއޮތީ ހުރިހާ ކަމެއް އޮތީ ތައްޔާރުވެފައި

ރައީސް ޑރ. މުހައްމަދު މުއިއްޒު

އާ މަސްމާރުކޭޓާއި އެހެން ވަސީލަތްތައް ހިމެނޭ އިމާރާތެއް އަޅަން ސަރުކާރުން ކުރާ މަސައްކަތަށް ސިޓީ ކައުންސިލުން ހުރަސް އަޅަމުން ގެންދިޔަ ނަމަވެސް، އެކަމަށް ހައްލެއް ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޒަމާނީ މަސްމާރުކޭޓު ވެގެން ދާނީ ދަތުރުމާރުކޭޓާއި ލޯކަލް މާރުކޭޓު ހިނގަމުންދާ ތަނަކައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މާރުކޭޓުގައި ތަރުކާރީއާއި މޭވާ ވިއްކުމާއި ހުރިހާ ކަހަލަ މިކްސްޑް މާކެޓެއް އެންމެ ޒަމާނީ ސްޓޭޓް އޮފް އާރޓް ފެންވަރުގައި ހުރިހާ ފެސިލިޓީއެއް ގާއިމުވެފައި އޮންނާނެ މާރުކޭޓެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.