ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކު، ގުދުރަތީ ކާނާތަކުން ހަށިގަނޑަށް ލިބޭ ފައިދާތަކާމެދު މިހާރު ގިނަ ބަޔަކު ދަނީ ވިސްނަމުންނެވެ. އެފަދަ "ސުޕަރ ފުޑް" ތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއްޗަކީ ބީޓްރޫޓެވެ.

ކުލަގަދަ މި ތަރުކާރީން ތައްޔާރުކުރާ ޖޫހަކީ ހަމައެކަނި ރަހަމީރު ބުއިމެއް ނޫނެވެ. މިއީ ހަށިގަނޑަށް ބޭނުންވާ އެތައް ފައިދާތަކެއް އެކުލެވިގެންވާ ގުދުރަތީ ބޭހެކެވެ.

ބީޓްރޫޓް ޖޫހުގައި މުހިންމު ގިނަ ފައިދާތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުން ހިމެނެއެވެ.

ބީޓްރޫޓްގައި ގުދުރަތީ ގޮތުން "ނައިޓްރޭޓްސް" ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން ހަށިގަނޑަށް އެތެރެވުމުން މިއިން "ނައިޓްރިކް އޮކްސައިޑް" އަށް ބަދަލުވެ، ލޭހޮޅިތައް ފުޅާކޮށްދެއެވެ. މިކަމުގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުވެ، ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ.

ބީޓްރޫޓް ޖޫސް ބޭނުން ކުރުމުން ހަރަކާތްތެރިކަމާއެކު ކަސްރަތުކޮށް ހެލިފެލިވެ އުޅުމުގެ ގާބިލުކަން އިތުރުކޮށްދެއެވެ.

އެ ސަބަބަށްޓަކައި ގިނަ އެތުލީޓުން ބީޓްރޫޓް ޖޫސް ބޭނުންކުރަނީ ކަސްރަތު ކުރާ ވަގުތު ހަށިގަނޑަށް ލިބޭ ހަކަތަ އިތުރުކުރުމަށެވެ. މިއީ މަސްތަކަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު އިތުރުކޮށްދޭ އެއްޗެއް ކަމުން، ވަރުބަލިވުން ކުޑަކޮށް، ގިނައިރު ވަންދެން ހަރަކާތްތެރިވުމަށް އެހީވެދެއެވެ.

މީގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމަށް ފައިދާހުރި ފައިބަރު ބީޓްރޫޓްގައި ވަރަށް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. އެހެންކަމުން މިއީ ބޭރަށް ހިންގުން ރަނގަޅުކޮށް، ބަނޑުހިކުމުގެ މައްސަލަތަކުން ދުރުކޮށްދީ، ހަޖަމުގެ ނިޒާމު ދުޅަހެޔޮކޮށް ބަހައްޓާ ބުއިމެކެވެ.

އަދި ބީޓްރޫޓްގައި ހިމެނޭ "ބެޓަލޭއިންސް" އަކީ އިންފްލެމޭޝަންތައް ކުޑަކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ. މިގޮތުން މިއީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވެދޭ މާއްދާއެކެވެ.

އޭގެ އިތުރުން ބީޓްރޫޓް ޖޫހުގައި ބެޓަލެއިންސް އާއި ބެޓަނިން ގިނައިން ހުރުމުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދެއެވެ. ހަމައެހެންމެ ބީޓްރޫޓުގައި ހިމެނޭ ބެޓަލެއިންސްގެ ސަބަބުން ފުރަމޭގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ވިހަ ބާވަތްތައް ފަސޭހަކަމާއިއެކު ބޭރުކުރުމަށް މަގުފަހިވެއެވެ.

ގުދުރަތީ މި "އެނާޖީ ޑްރިންކް" އަކީ ހަށިގަނޑަށް ބޭނުންވާ ފައިދާތައް ހޯދުމަށް އޮތް ފަސޭހަ އަދި ރައްކާތެރި އެއް މަގެވެ.

ތައްޔާރުކުރާނެ ގޮތް:

ބީޓްރޫޓް ޖޫސް ތައްޔާރުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

ބީޓްރޫޓް ރަނގަޅަށް ދޮވެ، ތޮށި މަށައި ކުދިކޮށް ކޮށާލާށެވެ.

މިކްސަރަށް އަޅައި، ބޭނުންނަމަ ކުޑަ ފެންފޮދެއް ނުވަތަ ރަހަ މީރުކުރުމަށް އާފަލު، ލުނބޯ، ނުވަތަ އިނގުރުކޮޅެއް އަޅައިގެން މިކްސްކޮށްލާށެވެ.

ފުރާނާލުމަށްފަހު ފިނިކޮށްލައިގެން ބޯލެވޭނެއެވެ.

ނޯޓު: މިއީ ހަމައެކަނި މަޢުލޫމާތު ފޯރުކޮށްދިނުމަށް ލިޔެފައިވާ ލިޔުމެކެވެ.

ބީޓްރޫޓް ޖޫހަކީ ވަރަށް ފައިދާހުރި އެއްޗެއް ނަމަވެސް، ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލަ ހުންނަ ފަރާތްތަކުން ޑޮކްޓަރެއްގެ ލަފާ ހޯދުން ރަނގަޅެވެ. އަދި ބީޓްރޫޓް ބުއިމަށްފަހު ކުޑަކަމުދާ ތަކެތީގެ ކުލަ ރަތްކުލައަކަށް ބަދަލުވުމަކީ އާންމު ކަމެކެވެ. އެއީ ބިރުގަންނަންޖެހޭ ކަމެއް ނޫނެވެ.