ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ދެކުނު ކޮރެއާ ބަލިކޮށް މެކްސިކޯއިން މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރޭގައި ހިމެނޭ މެކްސިކޯއިން ގްރޫޕް ސްޓޭޖުގެ ބާކީ އެއް މެޗު އޮއްވައި، ގަދަ 32 ޓީމު ވާދަކުރާ ބުރުގެ ޖާގައެއް ކަށަވަރުކުރީ، މިއަދު ހެނދުނު ދެކުނު ކޮރެއާގެ މައްޗަށް 1-0 އިން ކުރިހޯދައިގެންނެވެ.
މެކްސިކޯއިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ދެކުނު އެފްރިކާ ވެސް ބަލިކޮށްފަ އެވެ. މިއާއެކު މެކްސިކޯއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ ދެކުނު ކޮރެއާއިން ކުރިއަށް އޮތް މެޗު ކާމިޔާބުކުރި ނަމަވެސް ހެޑް ޓު ހެޑް އިން ކުރި ލިބޭނީ މެކްސިކޯ އަށެެވެ.
މެކްސިކޯގެ އަކްރަން ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ކުރީކޮޅުގަ އެވެ. އެގޮތުން އެ ހާފުގެ ފަސް ވަނަ މިނެޓުގައި، ދެކުނު ކޮރެއާގެ ގޯލުކީޕަރު ކިމް ސިންގް ޔޫ އަތުން ދޫވި ބޯޅައެއް އެއް ފަހަރުން ގޯލަށް ފޮނުވާލައިގެން މި ލަނޑު ޖެހީ ލުއިސް ރޯމޯ އެވެ.
މެޗުގެ ފަހުކޮޅު ދެކުނު ކޮރެއާއިން ލަނޑެއް ޖެހޭތޯ ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް މެކްސިކޯއިން ވަނީ ފަހަތުގައި ރަނގަޅު ކުޅުމެއް ދައްކައި ދެކުނު ކޮރެއާގެ މަސައްކަތް ހުއްޓުވާފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ މެކްސިކޯއަށް ލަނޑު ޖަހައިދިން ރޯމޯ އެވެ.
މި ގްރޫޕްގައި ރޭ ދެކުނު އެފްރިކާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މި ނަތީޖާތަކާއެކު މެކްސިކޯއިން ގްރޫޕްގެ އެއްވަނަ ޔަގީންކުރި އިރު، ދެވަނައިގައި އޮތީ ދެކުނު ކޮރެއާ އެވެ. އަދި އަނެއް ދެ ޓީމުން ކޮންމެ ޓީމަކަށް ޕޮއިންޓެއް ލިބިފައި ވީނަމަވެސް، ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ޗެކް ރިޕަބްލިކެވެ.