އައްޑޫގައި ޕެރަމެޑިކްސް އެމްބިއުލާންސްގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އޭއީއެޗްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވީ، ޕެރަމެޑިކްސް ނެތުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގާ ޙާލަތްތަކުގައި ސީންތަކަށް ފޮނުވަންޖެހެނީ ނަރުހުން ކަމަށެވެ.

އެހެންނަމަވެސް އޭއީއެޗްއާއި ގުޅިފައިވާ ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއެކު އޮންނަ ހަރުދަނާ ނިޒާމުގެ ތެރެއިން އެކްސިޑެންޓުގެ ޙާލަތްތަކުގައި އެތަނަކަށް ވީހާވެސް އަވަހަކަށް ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށާ، ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންވެސް ތިބެނީ ތައްޔާރީ ޙާލަތުގައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. އަދީލް ވިދާޅުވީ އެމްބިއުލާންސްގެ ޚިދުމަތް ތަރައްޤީކުރުމަށް މިއަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާކަމަށާއި، ޕެރަމެޑިކްސްގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތަކާއި އެމަޖެންސީ ޓެކްނީޝަނުން ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އައްޑޫ ސިޓީގައި ރާއްޖޭގެ އެންމެ ދިގު ލިންކް ރޯޑް އޮންނައިރު، ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަނީ އާންމުވެފައެވެ. އާބާދީ ބޮޑުވުމާއި، ބާރު ދުވެލީގައި ދުއްވުމާއި، މަގުތަކުގެ ހާލަތުގެ ސަބަބުން ހިނގާ މިފަދަ ހާދިސާތަކުގައި އަނިޔާވާ މީހުންނަށް ކުއްލި ފަރުވާ ދިނުމަށް އޭއީއެޗްގެ އިމަޖެންސީ ރޫމަށް ވަނީ ބާރުބޮޑުވެފައެވެ.