ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 2 ވަނަ ބެޗުގެ ތަމްރީންތައް ފަށައިފިއެވެ.

ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ކުރިއަށްގެންދާ މި ތަމްރީނުތައް ފެށުމަށްޓަކައިވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ދަރިވަރުންގެ ޢަޒުމްވަނީ އައުކޮށްފައެވެ. އެގޮތުން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ އެކްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފެވެ. އަދި ދަރިވަރުންނަށް ޢަޒުމް އައުކޮށްދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދެވެ.

4 މަސްދުވަހަށް ކުރިއަށްގެންދާ މި ތަމްރީންތަކުގެ ދެވަނަ ބުރުގައި، ރާއްޖޭގެ 17 އަތޮޅުތަކުން ޖުމްލަ 75 ދަރިވަރުންވަނީ ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 62 ފިރިހެން ކުދިންނާއި 13 އަންހެން ކުދިން ހިމެނެއެވެ.

މި ތަމްރީނުގެ ތެރެއިން އޮޓޯ މޯބައިލް އިންޖިނިއަރިންގއާއި، މެރިން އިންޖިނިއަރިންގއާއި، އިލެކްޓްރީޝަންއާއި، ރެފްރިޖެރޭޝަންއާއި، ވެލްޑިންގއާއި، މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރު ސިފައިންގެ އިންސްޓްރަކްޓަރުންނެވެ.