މި އަހަރަށް ދިވެހިބަހުގެ އެކަޑަމީގެ ކަލަންޑަރުގައި ހިމަނާފައިވާ މަޒުމޫނު ލިޔުމާއި، ކުރުވާހަކަ ލިޔުން އަދި ޅެންހެދުމުގެ ގައުމީ މުބާރާތްތައް މާދަމާ ފަށަން ނިންމައިފިއެވެ.
މި މުބާރާތްތައް ފަށާނީ ޖުމުލަ 2,881 ބައިވެރިނާއެކު މާދަމާ ހެނދުނު 8:00 ގައެވެ.
ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިއަށްދާނީ އެއް ވަގުތެއްގައެވެ. އަދި މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމަކާއެކުގައެވެ.
އެގޮތުން މާދަމާ ފެށުމަށް ހަމަޖެހިފައިވާ މުބާރާތްތަކުގެ ތެރޭގައި އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތައްޓަށް ބާއްވާ 41 ވަނަ ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތް ހިމެނެއެވެ. އެ މުބާރާތުގައި 1,185 ފަރާތަކުން ބައިވެރިވާނެއެވެ.
އަދި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ 38 ވަނަ ގައުމީ ކުރުވާހަކަ މުބާރާތްވެސް މާދަމާ ފަށާނެއެވެ. އެ މުބާރާތުގައި 1,131 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
ހަމައެހެންމެ ހުތްޢަލީ ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ 29 ވަނަ ގައުމީ ޅެން ހެދުމުގެ މުބާރާތް މާދަމާ ފަށާއިރު، އެ މުބާރާތުގައި 565 ބައިވެރިން ވާދަކުރެއެވެ.
މީގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން ޖުމުލަ 105 ސްކޫލަކުން މި މުބާރާތްތަކުގައި ވާދަކުރެއެވެ. އޭގެ ތެރޭގައި މާލޭ ސަރަހައްދުގެ 23 ސްކޫލަކާއި، އަތޮޅުތަކުގެ 82 ސްކޫލެއް ހިމެނެއެވެ.
އަތޮޅުތަކުގެ ދަރިވަރުންނާއި އަމިއްލަ ގޮތުން ބައިވެރިވި ފަރާތްތައް އެ ފަރާތެއް ހުރި ރަށެއްގައި އެކަޑަމީން ކަނޑައަޅާ މަރުކަޒެއްގައި މުބާރާތް ފުރިހަމަކުރާއިރު، މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުންނަށް މަރުކަޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ތާޖުއްދީން ސްކޫލެވެ.