ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަމަލުފުޅުތަކުން އުފެދެނީ އިންގިލާބެއް ކަމަށާއި އެމްޑީޕީން ތިބޭނީ ރައްޔިތުންނާ އެކުގައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީން ރޭ ކުރިޔަށް ގެންދިޔަ "ވަޒީފާ ބުރާސްފަތި" މުޒާހާރާގައި ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އަމާޒަކީ ރައްޔިތުންގެ ތަނަވަސްކަން ހޯދައިދިނުން ކަމަށާއި ތަނަވަސްކަން ގުޅިފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ކަމަށެވެ. އެގޮތުން އެމްޑީޕީ އުފެދިގެން އައީ ވެސް ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އަސާސީ ކަންކަން ގާނޫނުއަސާސީން ލިބިފައިދީފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް އެ ހައްގުތައް ހޯދައިދިނީ އެތައް ޒަމާނެއްގެ ބުރަ މަސައްކަތުން ކަމަށެވެ.
މީގެ އިތުރުން އެ ޕާޓީއަށް ތާއިދުކުރާ މެންބަރުން ވަޒީފާތަކުން ވަކިކުރަމުން ދަނީ އިންސާފެއް ނެތި ކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެ މީހުންނާއެކު އަޑުއުފުލުމުގައި އަބަދުވެސް އެ ޕާޓީން ދެމިއޮންނާނެކަމަށެވެ. އަދި، ވަޒީފާއިން ވަކި ކުރާ މީހުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް ނަޝީދު ވަނީ ދެއްވާފައެވެ.