ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާ އިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ދީފިއެވެ.

އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން އިއްޔެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނީ، ރިޓަޔާމަންޓް ޕޮލިސީއާއި ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކަށް އެ ކުންފުނީގެ ބޯޑުން މުހިންމު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށާއި އާ އޮނިގަނޑަށް ބަދަލުވާއިރު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން މައިގަނޑު ދެ ގޮތަކަށް ފުރުސަތު ލިބޭނެ ކަމަށް އެ މެމޯގައި ބަޔާންކޮށްފައި ވެއެވެ.

ފުރަތަމަ ގޮތަކީ އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުން ކަމަށާއި މިގޮތަށް ވަކިވާން އެދޭ މުވައްޒަފުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް، އުސޫލުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިވުމުގެ މާލީ އިނާޔަތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މީގެ އިތުރުން ދެވަނަ ގޮތަކީ އަމިއްލައަށް އެދިގެން ރިޓަޔަވުން ކަމަށާއި އެ ފުރުސަތުގެ ދަށުން، ޝަރުތު ހަމަވާ މުވައްޒަފުންނަށް އެ މުވައްޒަފަކު ކުންފުންޏަށް ހިދުމަތްކުރި މުއްދަތަށާއި އަދާކުރާ މަޤާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ އެކަށީގެންވާ މާލީ އިނާޔަތަކާއެކު ރިޓަޔާ ކުރެވޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މިގޮތުން އެކަމާ ގުޅޭ އިތުރު ތަފްސީލުތަކާއި، ޝަރުތުތައް އަދި އެދި ހުށަހަޅަންޖެހޭ ސުންގަޑިތައް އެ ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނެފައިވެއެވެ.