އެޗްއެސްސީ ދިވެހިން ރަނގަޅު ނަތީޖާއެއް ހޯދާނެ އުކުޅުތައް ހިމެނޭ ޚާއްސަ ފޮތެއް ނެރެފިއެވެ.
މަތީ ސާނަވީގެ ދިވެހި އިމްތިޙާނަކީ ދަރިވަރުންނަށް ހާސްކަމާއި ނުތަނަވަސްކަން ގެނުވާ އިމްތިޙާނެކެވެ. މި އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ބޭނުންވާ ހުނަރުތަކާއި ތަމުރީނުތަކާއި އުކުޅުތައް ކިޔައިދޭ ފޮތްތައް ރާއްޖޭގައި މަދެވެ.
އެގޮތުނަ މި ކަން ހައްލުކުރުމުގެ ގޮތުން "އެޗްއެސްސީ ދިވެހިން ފާސްވާނެ މަގު" މި ނަމުގައި މުޙައްމަދު ޝަރީފު، ލިޔުއްވާފައިވާ ފޮތެއް، 2026 ޖޫން 18 ވީ ބުރާސްފަތި ދުވަހު، ގައުމީ ކުތުބުހާނާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަނީ ނެރެފައެވެ.
އެ ފޮތް ނެރެދެއްވާފައި ވަނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު އެވެ.
ފޮތް އެކުލަވައި ލައްވާފައިވަނީ ދަށު ސާނަވީ ފެންވަރަށް މިފަދަ ފޮތެއް ލިޔުއްވި އަދީބު، މަތީ ސާނަވީއަށް ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ އަދީބު، މުޙައްމަދު ޝަރީފް (އުދަރެސް، ތ.ގުރައިދޫ) އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދެއްވުމުގެ ފާގަތި ތަޖުރިބާ ހޯއްދަވާފައިވާ ޝަރީފަކީ، އެޗްއެސްސީ އިމްތިހާނު ކަރުދާސް ސާފުކުރެއްވުމުގެ ޢަމަލީ ތަޖުރިބާ ވެސް ލިބިވަޑައިގެންފައިވާ، މިހާރުވެސް ކިޔަވައިދެއްވާ މަޤްބޫލް މުދައްރިސެކެވެ.
ޝަރީފް ވިދާޅުވިގޮތުގައި، މި ފޮތުގެ ޤަދަރު ނުވަތަ މަކަ މަތިވެގެން، ބަރުވެގެން ދަނީ ސާނަވީ ފެންވަރަށް ކިޔަވައިދެއްވުގެ ތަޖުރިބާކާރު ދެ މުދައްރިސެއްގެ ޢަމަލީ ތަޖުރިބާއިން ފޮތް ތަހުޒީބުކޮށްފައިވާތީއެވެ.
އެއް ބޭފުޅަކީ، ޝަރަފުއްދީން ސްކޫލްގެ މުރާލި ނާޒިރު އަޙްމަދު މިހާދެވެ. އަނެއް ބޭފުޅަކީ، އެތައް އަހަރެއް ވަންދެން، އަދި މިހާރުވެސް މި ފެންވަރަށް ކިޔަވައިދެއްވާ އުސްތާޛު، ގދ. ގައްދޫ މުޙައްމަދު ޝާމިޚްއެވެ. މި ދެބޭފުޅުން ވެސް ވަނީ ކުށް ހޯދުމުގެ ނަޒަރުން ފޮތުގެ ދެލިކޮޕީ ތަންޤީޙް ކޮށްފައެވެ.
ފޮތުގެ ލޭއައުޓް ހެއްދެވީ އަޙްމަދު މިހާދެވެ. މީގެ އިތުރަށް، ޤައުމީ ޔުނިވަރސިޓީގެ އަލަތު ވައިސް ޗާންސެލަރ އަދި ކުރީގެ ޗާންސެލަރ ޑރ ޙަސަން ޙަމީދު ވެސް ދަރިވަރުންނަށް ލުއި ފަސޭހަވާނޭ ގޮތުގެ މަތިން ފޮތުން ކުށްފިލުވައި ސާފުކޮށްފައި ވެއެވެ.
ގްރޭޑް 11 އާއި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ މި ފޮތުގައި، އިމްތިޙާނުގެ މުޤައްރަރުގައި ހިމެނޭ ސިޓީ، މަޒުމޫނު، ރިޕޯޓު، ފީޗަރ އާޓިކަލް، ޕްރޮޕޯޒަލް، ތަޤުރީރު، ދަތުރުނާމާ، ބައޮގުރަފީ، ރޭޑިއޯ ޑުރާމާ، ދޭހަ، ޚުލާޞާކުރުން ފަދަ ބައިތަކަށް ޖަވާބުދޭނެ ގޮތް ނަމޫނާތަކާ އެކު ވަރަށް ތަފުސީލުކޮށް ބަޔާން ކޮށްފައިވެއެވެ.
ވަކިން ޚާއްޞަކޮށް، ދިގު ލިޔުންތައް ފަސޭހައިން ހަނދާން ބެހެއްޓުމަށް ބޭނުންވާނެ އޮނިގަނޑުތަކާއި، އިމްތިޙާނުގައި މާކުސް ދޭނެ މިންގަނޑުތައް މި ފޮތުގައި ހިމަނާފައިވުމަކީ ދަރިވަރުން މިސްރާބުން ކަސިޔާރު ނުވާނޭ ކަމެކެވެ. މިއީ އިމްތިޙާނަށް ދުރާލާ ތައްޔާރުވާ ދަރިވަރުންނަށާއި، އެންމެ ފަހު ވަގުތު ފާސްވުމަށް މަސައްކަތްކުރާ ދަރިވަރުންނަށް ވެސް ވަރަށް ބޭނުންތެރި ފޮތަކަށް ވާނެއެވެ.
ދިގުމިނުގައި 178 ޞަފުޙާ ހިމެނޭ "އެޗްއެސްސީ ދިވެހިން ފާސްވާނެ މަގު" މި ފޮތް ޝާއިޢުކުރާއިރު އަގަކީ 199 ރުފިޔާ އެވެ.
ފޮތް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކުން 7430960 ނަމްބަރު ފޯނާ ގުޅުއްވުމަށް ޝަރީފު އެދިވަޑައިގަންނަވައެވެ.
ދިވެހިބަހުގެ ދާއިރާއިން މާސްޓަރ ފެންވަރަށް ތަޢުލީމު ހާސިލުކުރައްވާފައިވާ މުޙައްމަދު ޝަރީފް މިހާރުވެސް ގެންދަވަނީ ދަރިވަރުންނަށް ވާހަކަދައްކަން ދަސްކޮށްދޭނެ އާ ފޮތެއް އެކުލަވައިލުމުގެ މަސައްކަތް ކުރައްވަމުންނެވެ.