ޑްރަގު އޮޕަރޭޝަނެއްގައި ފުލުހުންނަށް ރިޝްވަތު ހުށަހެޅި މީހަކު ދެ އަހަރަށްވުރެ ގިނަ ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
މިދިޔަ މާރިޗު މަހު މަސްތުވާތަކެތި ގެންގުޅުނު މީހަކު ހިފެހެއްޓުމުން، އޭނާ ފުލުހުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ސާބިތުވުމުން ޖަލަށްލާން ހުކުމްކޮށްފައި ވަނީ ހދ. ނޮޅިވަރަމުގައެވެ.
ނޮޅިވަރަން ޕެޓްރޯލް ކުރަން އުޅުނު ދެ ފުލުހަކަށް، އެ ރަށު ގުލްބަކާގޭ، އަހްމަދު ޟިރާން ރިޝްވަތު ހުށަހެޅި ކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ދައުލަތުން ވަނީ އެ މީހާގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާކޮށްފައެވެ.
ކޯޓުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ނޮޅިވަރަމަށް، މާރިޗު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އިރާކޮޅު އައި ލޯންޗަކުން އަހްމަދު ޟިރާން ފައިބައި، އުޅުނު ގޮތުން ފުލުހުންނަށް އޭނާއާ މެދު ޝައްކު އުފެދި، ބެލި ބެލުމުން އޭނާ ގެންގުޅުނު އެއްޗެއް އެއްލާލިތަން ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.
މިގޮތުން އެ ތަކެއްޗަކީ މަސްތުވާތަކެތި ކަމާއި، އެއީ އޭނާ ގެންގުޅުނު އެއްޗެއް ކަމަށް ބުނެ، އެ ތަކެތި މޫދަށް އެއްލައިލައިދީފިނަމަ ބަދަލުގައި ފައިސާ ދޭން ހުށަހެޅި ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
އަހްމަދު ޟިރާން މައްޗަށް ރިޝްވަތު ހުށަހެޅިކަމުގެ ދައުވާ ދައުލަތުން އުފުލީ އެހެންވެއެވެ.
މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބުނު ޟިރާން ވަނީ ކުށަށް އިއުތިރާފުވެފައެވެ.
އަދި އެންމެ ކުޑަ އަދަބެއް ދިނުމަށް އޭނާ ވަނީ ކޯޓުގައި އެދިފައެވެ.
އޭނާ ކުށަށް އިއުތިރާފުވުމުން، އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ކުރިއަށް ގެންގޮސް މި މައްސަލައިގައި ޟިރާންގެ މައްޗަށް މި ހަފްތާގެ ހޯމަ ދުވަހު އިއްވީ، ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
މިގޮތުން އެ މައްސަލައާ ގުޅިގެން ތަހުގީގު މަރުހަލާގައި އޭނާ ބަންދުކޮށްފައި ހުރި 15 ދުވަސް އުނިކުރުމުން، ދެން އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބަކީ، ދެ އަހަރާއި ހަތަރު މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ.