ސަރުކާރުގެ އަމާޒަކީ 2028ގެ ކުރިން، ގްރޭޓާ މާލޭގެ ދަތުރުފަތުރުގެ ދާއިރާއަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ފަދަ ހައްލުތަކެއް ހޯދާދިނުން ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މާލެ ޓެކްސީލައިންގެ ހިދުމަތް ވިލިމާލޭގައި ފެށުމަށް، ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއިއެކު، މާލެ ސަރަހައްދުގެ ދަތުރުފަތުރަށް މީގެ ކުރިން ހައްލެއް ލިބިފައި ނެތް މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ވުޒާރާތަކުން ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަންކަމުގެ ތެރޭގައި، ޕާކިންއާއި ވެހިކަލް ރަޖިސްޓްރީއާއި، ތޮއްޖެހުމުގެ މައްސަލަ ހިމެނޭ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި، އެކަމާއި ގުޅުން ހުރި ތަފްސީލީ ޕްލޭނެއް އާއްމުންނާއި ހިއްސާކުރައްވާނެ ކަމަށެވެ.
މީގެއިތުރުން މާލެ ޓެކްސީލައިންގެ ހިދުމަތް ވިލިމާލޭގައި ފެށުމަކީ، ރައީސް ވިލިމާލެއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ފުރިހަމަ ހެއްކެއް ކަމަށާއި، ގްރޭޓާ މާލޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމް ވަށާޖެހޭ ނިޒާމަކަށް ހެދުމަކީ ރައީސްގެ އެންމެ މުހިންމު އެއް ތަސައްވުރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ވިލިމާލޭގައި ފެށި މާލެ ޓެކްސީ ލައިންގެ ޑިމާންޑަށް ބެލުމަށްފަހު އެ ހިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، ވިލިމާލެއަކީ ކުރީގެ ރައީސުންނަށް ވަރަށް ބޮޑަށް އަޅާ ނުލެވި އޮތްތަނެއް ކަމަށެވެ.
އެހެންނަމަވެސް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވިލިމާލޭގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށްދެއްވުމަށް ރައީސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މާޒީގެ ފަތްފުތްތައް ބަލާލުމުން ފެންނަނީ، މިދިޔަ 15 އަހަރު ތެރޭގައި ވެރިކަން ކުރެއްވި ރައީސުންނަށް ވިލިމާލޭގެ ކަންކަމަށް އެއްވެސް ވަރަކަށް ބެލިފައި ނެތް މިންވަރު ކަމަށެވެ.
މާލެ ޓެކްސީލައިންގެ ހިދުމަތަކީ ވެސް މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކުގެ ތެރެއިން ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދާދެއްވުމުގެ މަގްސަދުގައި، ރައީސްގެ އިސްނެންގެވުމާއިއެކު، ސަރުކާރުން ފަށާފައިވާ ހިދުމަތެކެވެ.