ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި، ހައްގުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.
ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބޭއްވި ހައި-ލެވެލް ޕެނަލް 1 ގައި، "ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި ޙައްޤުތައް ހިމާޔަތްކުރުން" މި މައުލޫއަށް ވާހަކަފުޅުދައްކަވަމުން ނައިބު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި، ހައްގުތައް ހިމާޔަތްކޮށް، ދައުލަތްތަކުގެ ހިންގުމުގެ ނިޒާމުގެ ހުރިހާ ފެންވަރެއްގައިވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ރާއްޖޭގެ ގުދުރަތީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ކަށަވަރުކުރަން އޮންނަ ގާބިލިއްޔަތާއި، ސަގާފަތާއި، ޝަހުސާއި، ގުޅުންތައް ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ވިދާޅުވިއެވެ. އަދި ގައުމީ ދުރުރާސްތާ އަހުމިއްޔަތުތައް ކަނޑައަޅައި، ބިނާރާއި ތަރައްގީ ރާވަން ޖެހެނީވެސް، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމަށް ރިއާޔަތްކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގައުމީ ސިޔާދަތާއި އިސްތިގުލާލުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ތަރައްގީވަމުން އަންނަ އެހެނިހެން ކުދި ޖަޒީރާ ގައުމުތަކެކޭ އެއްގޮތަށް، ގައުމީ ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމުގެ މުހިންމު ކަމާމެދު ރާއްޖެއިންވެސް ވަކާލާތުކުރަމުންދާކަމަށް މައުލޫމާތުދެއްވާފައެވެ. ބައިނަލްއަގުވާމީ ގާނޫނު ބިނާކޮށްފައިވަނީ، ހަމަޖެހުމާއި، އަދާލަތާއި، ހަމަހަމަކަމާއި، ދައުލަތްތަކުގެ މެދުގައިވާ އިސްތިގުލާލީ އެއްހަމަކަމުގެ މަތީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ ހައްގު ހިމެނޭހެން، ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވެން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ އިސް އަހުމިއްޔަތަކަށް ވާންވާނީ، މުޖުތަމައުތައް ރައްކާތެރިކޮށް، އެ ބަޔަކު އުޅެން އިހުތިޔާރުކުރާ ތަނެއްގައި ކަރާމާތްތެރިކަމާއެކު ދެމިތިބުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އެކަން ފުރިހަމަކޮށްދެވޭނީ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރި ބިނާރާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ރޭވުންތެރިކަން ހިމެނޭނޭ ފަދައިން، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމަށް ވުނަކުރުން މަތީ ދެމިތިބެގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަހުލުވެރިވުމަކީ ހަމައެކަނި ތިމާވެއްޓާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ޝަހުސިއްޔަތާއި، ސަގާފަތާއި، އާމްދަނީ ހޯދޭނޭ ގޮތްތަކާއި، ހައްގުތައް ހިމާޔަތްކުރުމާވެސް ގުޅުންހުރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ވިލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ހުޅުމާލެ އާއި ރަސްމާލެ މަޝްރޫއު ފަދަ އިސްނެގުންތަކަކީ، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް އަމިއްލައަށް އިސްނަގައިގެން ކުރެވޭ މަސައްކަތުން، މުޖުތަމައުތައް ހިމާޔާތްކޮށް، ހިޖުރަކުރުމަކީ މަޖުބޫރީ ހާލަތަކަށް ވުމުގެ ކުރިން މޫސުމީ ހިރާސް ކުޑަކުރެވިދާނޭކަމުގެ ނަމޫނާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ބަރޯސާވެވޭ އަދި ބޭނުންކުރެވޭނޭ ފަދަ މާލީ ފުދުންތެރިކަން ނެތި، ނާޒުކު ފައްތަރެއްގައިވާ ގައުމުތަކަށް ބޭނުންވާ ވިލުންތެރިކަން ގާއިމުނުކުރެވޭނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ތަހައްމަލުކުރާ ގައުމުތަކުގެ ރައްޔިތުންނާއި ހައްގުތައް ކަށަވަރުކުރަން ބޭނުންވާ ގާނޫނީ ޔަގީންކަން ހޯދުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ހައްގުތައް ހިމާޔަތްކޮށްދީ، ބައިނަލްއަގުވާމީ ގާނޫނު ނަގަހައްޓައި އަދި ވިލުންތެރިކަން އިތުރުކޮށްދޭ ފަދަ ހައްލުތައް ކުރިއެރުވުމުގައި، ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިންނާއެކުގައި މަސައްކަތްކުރުންމަތީ ރާއްޖެ ދެމިއޮންނާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.