މިހާރު ފެންނަނީ މި ސަރުކާރު ބޮޑު ތަނުން "ބޮނދުބުޑަށް ސައި" ވަމުންދާތަން ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ، އެމްޑީޕީން މިރޭ ކުރިޔަށް ގެންދާ "ވަޒީފާ ބުރާސްފަތި" މުޒާހާރާގައި ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ، ވަޒީފާގެ ބިރުދައްކައިގެން މި ސަރުކާރަށް ރައްޔިތުން މައިތިރި ނުކުރެވޭނެ ކަމަށާއި، ދިވެހި ރައްޔިތުންނަކީ ބިރުދައްކައިގެން އެބިރަށް ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށެވެ. އެގޮތުން އެމްޑީޕީން މިހާރު ނިކުމެމިތިބީ މި ސަރުކާރަށް ގޮންޖަހާ ސަރުކާރު ބަލި ކޮށްލަން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ، ވަޒީފާއިން ވަކި ކުރާ ކޮންމެ މީހެއްގެ ދިފާއުގައި އެމްޑީޕީން ކުރަން ޖެހޭ ކޮންމެ ކަމެއް އެ ޕާޓީން ކުރާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.
މީގެ އިތުރުން ޝާހިދު ވަނީ، އެމްޑީޕީން އެނބުރި ވެރިކަމަށް އައިސް ވަޒީފާ އިން ވަކިކުރި ކޮންމެ މީހަކަށް އަނބުރާ އެ ވަޒީފާތަކަށް ރުޖޫއަ ކޮށްދޭނެ ކަމަގެ ޔަގީންކަންވެސް ދެއްވާފައެވެ.