މީހުން ބިނާކުރުމުގެ ދާއިރާގައި ވުނަކުރުމަކީ، ކޮންމެ މުޖުތަމައަކަށްވެސް ކުރެވޭނެ އެންމެ ފައިދާހުރި ވުނަކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޮންލައިންކޮށް ކުރިއަށްގެންދެވުނު މި ސަމިޓްގައި، އެފްރިކާ އަދި އޭޝިއާ ގައުމުތަކުގެ ފަސްޓް ލޭޑީންނާއެކު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅުދައްކަވަމުން ސާޖިދާ ވަނީ، ޖިއޮގްރަފީ ގޮތުން ކިތަންމެ ދުރުގައިވީ ނަމަވެސް ކޮންމެ މީހަކަށްމެ ސިއްހީ ހިދުމަތް ލިބެންޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށް ބާރުއަޅުއްވާފައެވެ. އަދި، އެކަހެރި ރަށަކަށް އުފަންވާ ކުއްޖަކަށްވެސް، ވެރިރަށަށް އުފަންވާ ކުއްޖަކާ އެއްފަދައިން، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގެ ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަމުގައި ވެސް ސާޖިދާ ވިދާޅުވިއެވެ.
މެރކް ފައުންޑޭޝަނާއެކު ދިވެހިރާއްޖެއިން ގާއިމުކޮށްފައިވާ ބަދަހި ގުޅުމުގެ ސަބަބުން ލިބިފައިވާ ހެޔޮ ނަތީޖާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވައި ސާޖިދާ ވިދާޅުވީ، އޭގެތެރޭގައި، ފާޓިލިޓީ އެންޑް އެމްބްރިއޮލޮޖީ، އެންޑޯކްރިނޮލޮޖީ، ކްރިޓިކަލް ކެއާ، އަދި ޕީޑިއޭޓްރިކްސް ފަދަ މުހިންމު ދާއިރާތަކުން ލިބިފައިވާ 13 ސްކޮލަޝިޕާއި، މީޑިއާ، މިއުޒިކް، ފިލްމު އަދި ފެޝަން ޑިޒައިނިންގްގެ ދާއިރާއިން ލިބުނު 8 ކްރިއޭޓިވް އެވޯޑާއި، 'އެޑިއުކޭޓިންގް ލިންޑާ' ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެވުނު 3000 ސްކޫލް ސަޕްލައި ސެޓް ހިމެނޭ ކަމަށެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ހާސިލުކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ކޮންމެ ފަރުދަކަށްމެ އަބުރުވެރިކަމާއި، އުންމީދާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިގެންދާނެކަން ކަށަވަރުކުރުމަށްޓަކައި، އިތުބާރާއި އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ބައިވެރިވުންތަކެއް އޮންނަންޖެހޭކަމަށެވެ.
ފައުންޑޭޝަންގެ 'މޯ ދޭން އަ މަދަރ' ޕްރޮގްރާމްގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ދަރިމައިނުވުމާ ގުޅިގެން މުޖުތަމަޢުން ކުރިމަތިކުރުވާ ބަދުނާމާއި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ސާޖިދާ ވިދާޅުވީ، އެފަދަ ތަފާތުކުރުންތަކަކީ، އެ ބަލީގެ ވޭނާ އެއްވަރުގެ ކަމަކަށް ގިނަ ފަހަރު ވެގެންދާ ކަމެއް ކަމަށެވެ.
އެހެން ކަމުން ފާޑުކިޔުމާއި ނިންމުންތައް ނިންމުމުގެ ބަދަލުގައި، ހަމްދަރުދީ އިސްކޮށް، ކޮންމެ ފަރުދަކަށްމެ އިހުތިރާމާއި ގަދަރުލިބޭ މުޖުތަމަޢުތަކެއް ބިނާކުރުމަށް ސާޖިދާ ގޮވާލެއްވިއެވެ.
މީގެ އިތުރުން، ސާޖިދާ ވަނީ މެރކް ފައުންޑޭޝަންގެ 9 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އާއި، އެފްރިކާ، އޭޝިއާ އަދި އެކަށީގެންވާ ހިދުމަތްތަކުން މަހުރޫމްވެފައިވާ މުޖުތަމައުތަކުގެ ތަރައްގީއަށް އެ ފައުންޑޭޝަނުން ހިންގަމުންދާ ބަދަލުތަކެއް ގެނުވި ޕްރޮގްރާމްތަކުގެ، 14 އަހަރުވީ ދިގު ދަތުރަށް މަރުހަބާ ވިދާޅުވެފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ސާޖިދާ ވަނީ، ސިއްހަތާއި، ފުރުސަތުތަކާއި، އަބުރުވެރިކަމަކީ ހަމައެކަނި މަދު ބަޔަކަށް ލިބޭ އިމްތިޔާޒުތަކަކަށް ނުހަދައި، އެއީ އެންމެންގެ ޙައްޤުތަކަކަށް ހެދުމަށްޓަކައި ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީއަކީ އެފްރިކާ އަދި އޭޝިއާ ސަރަހައްދުގެ ތަރައްޤީއާއި ސިއްހީ ދާއިރާގެ، މުހިންމު އިސްކަންދެވޭ ކަންކަމަށް ހައްލު ހޯދުމަށްޓަކައި، ދާއިރާގެ މާހިރުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ އިތުރުން ޢިލްމީ ތަޖުރިބާކާރުން އެއްތަންކޮށްދޭ އަހަރީ ކޮންފަރެންސެކެވެ.