ގައުމީ ދިފާއީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލާއަށާއި ސިފައިންނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ދިފާއީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވި ހަބަރު އެއްސެވީ ފުންހިތާމައާއި އެކުގައިކަމަށެވެ.

ރައީސް ވަނީ އޭނާއަކީ ގައުމީ ދިފާއީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިހްލާސްތެރިކަމާއެކު ހިދުމަތްކުރައްވާފައިވާ ބޭކަލެއްކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ހިތާމައިގެ މިދަނޑިވަޅުގައި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ އާއިލާއަށާއި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެންމެހައި ސިފައިންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާކަމަށެވެ.

ރައީސްގެ ޕޯސްޓުގައިވަނީ މާތްﷲ، ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ލޮބުވެތި ޢާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.