80 އަށް ވުރެއް ގިނަ މީހުން ނުހައްގުން ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު، ހުސެއިން ހަސަން ވިދާޅުވެއްޖެ އެވެ.
"ވަޒީފާ ބުރާސްފަތި" ގެ ނަމުގައި ކުރިއަށް ގެންދާ އިހުތިޖާޖާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެމޑިޕީގެ ފަރާތުން ބާއްވާފައިވާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހުސެއިން ހަސަން ވިދާޅުވީ މިހާތަނަށް ރިކޯޑްސް ތަކަށް ފެންނަ ގޮތުން 80 އަށް ވުރެއް ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްގެން، ސަސްޕެންޑުކޮށްގެން، އަދި އެފަދަ އެހެން މައްސަލަތައް ލިބިފައި ވާ ކަމަށެވެ.
މީގެ އިތުރުން މިވަގުތުވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ގައި އެމްޑީޕީގެ ލީގަލްޓީމުން ތަމްސީލު ކުރަމުންދާ މައްސަލަ ތަކުގެ އަދަދު 60 އަށް އަރާ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެއީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ގައި ނުހައްގުން މީހުން ވަކިކޮށްގެން ހިނގާ މައްސަލަތައް ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުވެސް 10 ވަރަކަށް މައްސަލަ ހުށަހަޅާފައި ވާ ކަމަށެވެ.
"ވަޒީފާ ބުރާސްފަތި" ގެ ނަމުގައި ކުރިއަށް ގެންދާ އިހުތިޖާޖަކީ ނާއިންސާފުން ވަޒީފާއިން ވަކި ކުރަމުންދާ ފަރާތްތަކާއި، ސަސްޕެންޑުކުރަމުންދާ ފަރާތްތަކާއި، އަދި ހާއްސަކޮށް އެކި އެކި އިންޒާރުތައް ދީގެން މުވައްޒަފުންނަށް ބިރު ދައްކަމުން ދާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން ކުރިއަށް ގެންދާ އިހުތިޖާޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި އެއްވުމަކީ އެމްޑީޕީން ވަރަށް ރަނަގަޅަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އިހުތިޖާޖެއް ކަމަށެވެ. އަދި މި އިހުތިޖާޖް ކުރިއަށް ގެންދިއުމަށް ފުލުހުން އެއްބާރުލުންދޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް އޭނާ ވަނީ މައުލޫމާތުދެއްވާފައެވެ.
ސަރުކާރުން ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތްތައް މެދުކަނޑާލައި، ސިޔާސީ ގޮތުން ބިރުދެއްކުން އިތުރުވަމުންދާ ކަމަށް ބުނެ، މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމީ އެމްޑީޕީގެ ގައުމީ މަޖިލީހުން 15 ޖޫންގައި ބޭއްވި ޖަލްސާއަށް ހާޒިރުވި ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއެކުއެވެ.
މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ފަރާތްތަކާއި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުން އެއްވެސް އުސޫލެއް ނެތި ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑް ކުރަމުންދާ ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކި މެންބަރުން ވަނީ ފާހަގަކޮށްފައެވެ.