މި ސަރުކާރުން 1.29 ބިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައިވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.
އަޒާން އެކްސްގައި އާންމުކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ދަރަނީގެ ހާލަތު ބަލަހައްޓަމުން ގެންދަވަނީ ނުހަނު ހަރުދަނާ، ޒިންމާދާރު އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ދަރަނީގެ ބޮޑު ބަޔަކީ މި ސަރުކާރުން އުފެއްދި ދަރަންޏެއް ނޫން ކަން ފާހަގަކުރައްވާ އަޒާން ވިދާޅުވީ ހަގީގަތަށް ބަލާއިރު، މި ސަރުކާރުގެ ދައުރުގައި މިހާތަނަށް ދައްކާފައިވާ ދަރަނީގެ ތެރެއިން 891.2 މިލިއަން އެމެރިކާ ޑޮލަރަކީ ރައީސް ސޯލިހުގެ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ދެއްކި ފައިސާ ކަމަށެވެ.
އަޒާން އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 2.5 އަހަރު ދުވަހުގެ ތެރޭގައި، މި ސަރުކާރުން ބޭރުގެ ދަރަނީގެ ގޮތުގައި 1.29 ބިލިއަން އެމެރިކާ ޑޮލަރު އަދާކޮށްފައިވާ ކަމަށެވެ.
ހަމަމިއާއެކު އެހާ ބޮޑު އަދަދެއް ދަރަންޏަށް ދެއްކުމަށްފަހުވެސް، 500 މިލިއަން ޑޮލަރުގެ ސުކޫކާއި، އިންޑިއާއާއެކު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމާއި، އެސް.ބީ.އައި އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑު ދައްކައި ހަލާސްކުރުމަށްފަހުވެސް، މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރާއްޖޭގެ ރިޒާވް ހުރީ 1.3 ބިލިއަން ޑޮލަރުގައި ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން އިތުރަށް ވިދާޅުވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖީ.ޑީ.ޕީގެ ނިސްބަތުން 51.3 އިންސައްތައިގައި ހުރި ބޭރުގެ ދަރަނި، މި އަހަރުގެ މޭ މަހާ ހަމައަށް 44.5 އިންސައްތައަށް ތިރިކުރެވިފައިވާ ކަމަށެވެ. އެއީ ދަރަނީގެ ދަތި ހާލަތަކާ ކުރިމަތިލާއިރު، ސަރުކާރުން އެކަމަށް ދޭ ސީރިއަސްކަމާއި ޒިންމާދާރުކަން ހާމަކޮށްދޭ މުހިންމު ހެކިތަކއް ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.