މަގުމަތީގެ އެއްވެސް ހަރަކާތެއްގެ ތެރެއިން ސަރުކާރު ވައްޓާލުމަށް މަސައްކަތެއް ނުކުރާކަމަށާއި، އެންމެ ގާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލެއްވުންކަމަށް އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މީޑިއާ އެއްގައި ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ. ނަމަވެސް ސަރުކާރުގެ މިސްރާބު ހުރިގޮތުން އަމިއްލައަށް ވެއްޓުމުގެ ފުރުސަތު ބޮޑު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، ސަރުކާރު ހިންގުމުގައި ގެންގުޅުއްވާ ގޮތްތަކަކީ ސިޔާސީ ގޮތުން ފުންކޮށް ވިސްނައިގެން ނިންމާ ނިންމުންތަކެއް ނޫންކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ދައުލަތް ހިންގަވަނީ ވަޒީރުންނާ ނުވަތަ ޕާޓީގެ އިސް ފަރާތްތަކާ މަޝްވަރާ ކުރެއްވުމެއް ނެތި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މިގޮތަށް މަޝްވަރާއެއް ނެތި ކަންކަން ކުރެއްވުމުގެ ސަބަބުން، ގައުމުގައި ކަންކަން ހިނގަމުންދާ ގޮތް އޮޅުންނުފިލާކަމަށާއި، އެކަމުގެ ސަބަބުން ރައީސް މުއިއްޒު ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެކަނިވެރިވެފައިވާ ކަމަށެވެ.
ހަމަމިއާއެކު ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު ފާހަގަކުރެވެނީ ވަރަށް ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ކަންތައް ކުރެއްވި ގޮތުންނާއި، ކުރީގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާ މެދު އަމަލުކުރައްވަމުންދާ ގޮތުންވެސް އެ ބޭވަފާތެރިކަން ހާމަވާ ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ބޭވަފާތެރި ކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ގައިރު ގާނޫނީ ގޮތެއްގައި ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށް ބުނާ ވާހަކައަށް ރައީސް ނަޝީދު ވިދާޅުވީ، އެފަދަ އެއްވެސް ނިޔަތެއްގައި ހަރަކާތްތައް ކުރިޔަށް ނުގެންދާ ކަމަށެވެ. ނަމަވެސް، ރައީސް މުއިއްޒު ކަންބޮޑުވާންޖެހޭ ކަމަކީ، އެމަނިކުފާނުގެ އަމިއްލަ ނިންމުންތަކާއި އަމަލުތަކުގެ ސަބަބުން ސަރުކާރު އަމިއްލައަށް ވެއްޓިދާނެތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި އަހަރު ނިމުމުގެ ކުރިޔަށް ސަރުކާރު ބަދަލު ކުރާނެކަމަށް ނަޝީދު ވިދާޅުވެފައިވާ އިރު މަޖިލީހުގެ ތެރެއިން ވެސް އެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މެދުގައި މަގުބޫލުކަން ދަށްވުމުން ރައީސް މުއިއްޒު އަމިއްލަފުޅަށް އިސްތިއުފާ ދިނުމުގެ ފުރުސަތު ބޮޑުކަމަށް ނަޝީދު ވިދާޅުވި އެވެ.