މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު މައުލޫމާތުދެއްވަމުން ވިދާޅުވީ ބަދަލު ގެނައީ ރިސޯޓުތަކާއި ކެފޭ އަދި ހޮޓާތަކަށް ވިއްކާ ގޭހުގެ އަގަށް ކަމަށެވެ. އަދި ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ އަލަށް ގެނައި ބަދަލުތަކާއެކު، 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު 25 އިންސައްތަ އަށް ބޮޑުކޮށްފަ ކަމަށާއި، 22 ކިލޯގެ ފުޅިއެއްގެ އަގު 15 އިންސައްތަ ބޮޑުކޮށްފައިވާ ކަމަށެވެ.
ބޮޑުކޮށްފައިވާ އަގުތަކަށް ބަލާލާއިރު، އަގުތައް އެންމެ ބޮޑުކޮށްފައިވަނީ ރިސޯޓުތަކަށެވެ. އެގޮތުން ރިސޯޓުތަކަށް ގޭސް ވިއްކާ އަގު 25 އިންސައްތަ އަށް ބޮޑުކޮށްފައިވާ އިރު ކެފޭ/ރެސްޓޯރެންޓް އަދި ހޮޓާތަކަށް ގޭސް ވިއްކާ އަގުން ބޮޑުކޮށްފައިވަނީ 15 އިންސައްތަ އެވެ.
އެއާއެކު، 45 ކިލޯގެ ފުޅިއެއްގެ އަގު 1،314ރ. އަށް ބޮޑުވިއިރު، 22 ކިލޯގެ ފުޅިއެއްގެ އަގު 500ރ. އަށް ވަނީ ބޮޑުވެފަ އެވެ.
ގޭހުގެ އަގު ބޮޑުކުރީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ގޭސް ލިބުން ދަތިވެ، އެކަމަށް ކުރާ ހޭދަ ބޮޑުވުމުން ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.