ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ކޭގައި ޕޯޗުގަލް އާއި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ ވާދަކުރި މެޗު އެއްވަރުވެއްޖެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ވޯލްޑް ކަޕަށް ނުކުތް ޕޯޗުގަލްއަށް ފުރަތަމަ މެޗުން ޕޮއިންޓަކުން ފުއްދާލަން ޖެހުނީ، 1974 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މުބާރާތަށް ކޮލިފައިވި ކޮންގޯއާ 1-1 އިން އެއްވަރުވުމުންނެވެ.

ޓެކްސަސްގެ ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޕޯޗުގަލްއިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޕީއެސްޖީއަށް ކުޅޭ މިޑްފީލްޑަރު ޖޮއާއޯ ނެވޭސް އެވެ.

ކޮންގޯއިން އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މިއީ ކޮންގޯގެ ކޯނަރެއްގައި ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ޔޯނޭ ވިސާ ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް، އޭގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި މާދަމާ ހެނދުނު 7:00 ގައި ކޮލަމްބިއާ އާއި އުޒްބެކިސްތާނު ބައްދަލުކުރާނެ އެވެ.