ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ނަރުދަމާއާއި ފެނުގެ އައު ކަނެކްޝަންތައް ގުޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ނަރުދަމާއާއި ފެނުގެ އައު ކަނެކްޝަންތައް ގުޅުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މަގުގައި މައި ފެން ހޮޅި އެޅުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ވާރޭފެން ހިންދާ ކެޗްޕިޓްތަކާއި ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތް މި ހަފުތާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ ސަބްގްރޭޑިންގް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި، މަގުގެ ދުވާރު ހެދުމާއި، މަގުގައި ލައިޓް ހަރުކުރުމުގެ އިތުރުން ކޭބަލް ޓްރެންޗް ހެދުމުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށް ދާކަމަށް އެމްޓީސީސީން ބުނެއެވެ.

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2އިން 5އާއި ހަމައަށް އޮންނަ ސަރަހައްދެވެ. އެއީ، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަހައްދެވެ.

އެމްޓީސީސީން މަސައްކަތް ކުރަނީ، އަންނަމަހުގެ ކުރީކޮޅު މަގުގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމަށެވެ.