"ޕޭޕަލް"ގެ ސްޓޭންޑަޑަށް، ރާއްޖޭގެ ޕްލެޓް ފޯމްތައް ގެންދެވިއްޖެ ކަމަށް އުރީދޫގެ ސީސީއޯ، ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.

"ޕޭޕަލް" ގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމާއި ގުޅިގެން "ޕޭޕަލްގެ ހިދުމަތް ދިވެހިންނަށް" މި ނަމުގައި ބޭއްވި މައުލޫމާތު ހިއްސާކުރުމުގެ ސެޝަންގައި ވާހަކަފުޅުދައްކަވަމުން އުރީދޫގެ ސީސީއޯ ނިޔާޒު ވިދާޅުވީ "ޕޭޕަލް"ގެ ހިދުމަތް ރާއްޖެއަށް އައުން ލަސްވީ ޕޭޕަލްގެ ސްޓޭންޑަޑަށް، ރާއްޖޭގެ ޕްލެޓް ފޯމްތައް ގެންދަން ޖެހުމުން ކަމަށެވެ.

ވަރަށް ދުވަހަށް ފަހު، އިކޮނޮމިކް މިނިސްޓްރީގެ ވަރަށް ބޮޑު މަސައްކަތަކަށް ފަހު ޕޭޕަލް އިން އެ ޕްލެޓްފޯމް ރާއްޖެ ގެނައުމަށް އުރީދޫ ހިޔާރު ކޮށްފައިވާކަން ފާހަގަކުރައްވާ ނިޔާޒު ވިދާޅުވީ ވަރަށް ގިނަ މީހުން އަދި ނޫސްވެރިން ޕޭޕަލް އައުން ލަސްވުމާ ގުޅިގެން ސުވާލު އުފައްދާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވަރަށް ދިގު ޓެސްޓުތަކެއް ޕޭޕަލް ރާއްޖެއަށް ގެނައުމުގެ ތެރެއިން ކުރެވިގެން ގޮސްފައިވާ ކަމަށެވެ.

ޕޭޕަލް ގެ ސްޓޭންޑާޑް އަކީ ހަމަ ދުނިޔޭގަ ހުރިހާ ގައުމެއްގައިވެސް ޕޭޕަލް މިހުންނަނީ ލޯންޗް ކޮށްފަ. މިއީ ގްލޯބަލް ޕްލެޓް ފޯމެއް. ލޯންޗް ކޮށްފަ އޮންނާތީވެ އެމީހުންގެ ސްޓޭންޑާޑަށް އަޅުގަނޑުމެންގެ ޕްލެޓްފޯމްތަށް ގެނދަން ޖެހޭ. ގެންގޮސްގެން މި ލޯންޗް ކުރެވުނީ"

އުރީދޫގެ ސީސީއޯ، ހުސައިން ނިޔާޒް

ނިޔާޒު އިތުރަށް ވިދާޅުވީ، މިހާރު "ޕޭޕަލް" ބޭނުންކުރާ ވަރަށް ގިނަ ފަރާތްތައް އުޅޭކަމަށެވެ.

މީގެ އިތުރުން ޕޭޕަލް ލޯންޗު ކުރެވުނީ އެމް-ފައިސާގެ ތެރެއިން ޕޭމެންޓް ރާއްޖެއަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިއީ ބޭރުގެ ޕްލެޓްފޯމްތަކުގައި ވިޔަފާރިކޮށް ރާއްޖެއަށް ޑޮލަރު ގެނެވޭނެ ޑިޖިޓަލް ވޮލެޓެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ބޭރުގެ ޕްލެޓްފޯމްތަކުގައި ވިޔަފާރިކޮށްފަ ދިވެހިން ގެންނަން ބޭނުންވާ ޑޮލަރު، މިސާލަކަސް އެމަޒޯން ފަދަ ތަންތާނގަ ވިއްކައިގެން، ކުރިން ވެއްޖެއްޔާ ޑިޖިޓަލް ވޮލެޓެއް ނީނދެ، ބޭންކްސް ތްރޫކޮށް ގެންނަން ޖެހޭނި މިހާރު މިވަނީ ޑިޖިޓަލް ވޮލެޓެއް އިންޓަގްރޭޓް ކުރެވިފަ"

އުރީދޫގެ ސީސީއޯ، ހުސައިން ނިޔާޒް

ނިޔާޒު ވިދާޅުވީ އެ ޕްލެޓްފޯމްތެރެއިން ޕޭޕަލް އިން ލިބޭ ލާރި، ރާއްޖޭގެ ބޭންކް އެކައުންޓްތަކަށް ފޮނުވޭނެ ކަމަށެވެ. އެގޮތުން ބީއެމްއެލް އަދި އެމްއައިބީ ޑޮލަރު އެކައުންޓުތަކަށް އެ ފައިސާ ފޮނުވުމަށް ފަހު ޑޮލަރު ނެގޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޕޭޕަލް އާއެކު ދިވެހި ޒުވާނުންނަށް ގެއްލިފައި ހުރި ވަރަށް ބައިވަރު ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށްވެސް ނިޔާޒު ވަނީ ވިދާޅުވިއެވެ.