ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ހުށަހެޅުމުން ބޭރުކޮށްލުމަކީ، ރަށްތަކަށް ދެވޭ އަނިޔާއެއް ކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވާ އިރު، ގަރާރުގެ ބަހުސްގައި ނާޒިލް ވިދާޅުވީ ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަކީ ރައްޔިތުންނަށް ހިދުމަތްކުރަން ތިބި ކައުންސިލަރުންނާއި، ރަށްރަށަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަމަށެވެ.

ނާޒިލް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުންގެ މުސާރަ ކަނޑައެޅުމަކީ މަޖިލީހުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ގަރާރު މަޖިލީހުން ބޭރުކޮށްލުމުގެ ބަދަލުގައި، މާލިއްޔަތު ކޮމިޓީއަށް ފޮނުވައިގެން ދިރާސާކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މިއަދު މި ފްލޯއިން މި ގަރާރު ބޭރުކޮށްލުމަކީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގަ އަޅުގަނޑު ނުދެކޭ ވާހަކަ ދަންނަވާލަން. އަޅުގަނޑުމެންނަށް މި ފްލޯއިން ފޮނުވާލެވިދާނެ މާލިއްޔަތު ކޮމިޓީއާ ހިސާބަށް. މާލިއްޔަތު ކޮމިޓީން އެކަމާ ދޭތެރޭ ދެކޭ ގޮތަކީ ކޮބައިތޯ ބަލަންޖެހޭ،"

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ނާޒިލް އިތުރަށް ވިދާޅުވީ ކައުންސިލްތަކުގެ އިސްވެރިންނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިގެ މެދުގައި ހުރި ބޮޑު ފަރަގުގެ ވާހަކަ ގަރާރުގައި ވެސް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރަށްރަށަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ނާޒިލް ވިދާޅުވި އެވެ.

ސަރުކާރުގެ ވުޒާރާތަކާ މަޝްވަރާކޮށްގެން މި މައްސަލައަށް ހައްލެއް ހޯދުމަށް ނާޒިލް ވަނީ، ގޮވާލައްވާފައެވެ. އަދި ކައުންސިލަރުންގެ މުސާރައިގެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމަކީ މަޖިލީހުގެ މެމްބަރުންނާ މެދު އާންމު ރައްޔިތުންނާއި ކައުންސިލަރުން ދެކޭ ގޮތް ގޯސްވާނެ ކަމެއް ކަން ފާހަގަކުރައްވާ ނާޒިލް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަތިކޮށްފައިވާ ޒިންމާ ފުރިހަމައަށް ނަގައި ކަންކަން ހައްލު ކުރުމަށް ހެޔޮ ނިޔަތް ގެންގުޅުމަށް ގޮވާލައްވާފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ފަރާތްތަކަކީ ލޯކަލް ކައުންސިލުތަކުގެ ކައުންސިލަރުންކަން ފާހަގަކޮށް ހުށަހަޅާފައިވާ ގަރާރުގައި ވަނީ ކައުންސިލުގެ ރައީސްގެ މުސާރަ ސެކެޓްރީ ޖެނެރަލްގެ މުސާރައަށް ވުރެ ކުޑަވުމާއި، ކައުންސިލުގެ ނައިބު ރައީސްގެ މުސާރަ ކައުންސިލުގެ އެގްޒެކެޓިވްއެއްގެ މުސާރައަށްވުރެ ކުޑަވުމުގެ މައްސަލަ ފާހަގަކޮށްފަ އެވެ.

އެ ގަރާރުގައިވާ ގޮތުން އިދާރީ މުވައްޒަފުންގެ މުސާރަ ކައުންސިލަރުންގެ މުސާރައަށްވުރެ ބޮޑުވުމަކީ ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއް ކަމަށް ބެލެވޭ ސަބަބެކެވެ.

މީގެ އިތުރުން، ރައްޔިތުން އިންތިހާބުކުރާ ބައެއްގެ މުސާރަ ސަރުކާރުން އައްޔަންކުރާ ސިޔާސީ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަވުމަކީ އިންތިހާބުވެގެން މަގާމުތަކަށް އަންނަ ފަރާތްތަކުގެ ބާރުވެރިކަން ކުޑަވާ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.