އިގްތިސާދު ރަނގަޅަށް އޮތް އިރު ކައުންސިލަރުންގެ މުސާރަ އެމްޑީޕީން ބޮޑު ނުކުރީތީ އަޖައިބުވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވާ އިރު، ގަރާރުގެ ބަހުސްގައި ޝުޖާއު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅަށް އޮތް ދުވަސްވަރު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ވިސްނުމެއް ނެތް ބަޔަކު އެފަދަ ގަރާރެއް ހުށަހެޅުމަކީ އަޖައިބެއްކަމަށާއި، އެއީ މަކަރުވެރި ހީލަތްތެރި ރޭވުމެއްކަމަށެވެ.
ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އަމިއްލަ ބަނޑުން ވިހޭ އެއްޗެއްކަމަށް ދައުވާކުރި އެމްޑީޕީއަށް، އެޕާޓީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވިސްނުމަށް ވެސް ނައި ކަމަށެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނުއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވޭނެ ހާލަތެއްގައި ކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައިއިރުވެސް، ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ ހެޔޮ ނިޔަތެއް އެމްޑީޕީގެ ސަރުކާރުގައި ނެތްކަމަށެވެ.
މިހާރުގެ އިގްތިސާދީ ހާލަތަށް ރިއާޔަތް ކުރަމުން ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހާވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ބޮޑު ދަރަންޏެއްގެ ހާއްޔެއްގެ ތެރޭގައި ކަމަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްއިން މީގެ ކުރިން މާޗް މަހު ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނަމުން ދިޔައީ އެމްޑީޕީން ގައުމު އެމަގަށް ބައްޓަންކޮށްފައި އޮތުމުންކަމަށެވެ.
ކުރީ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ތަފްސީލުތަކުން އެނގެނީ ގައުމު މިއަދު މިދަނީ ބޮޑެތި ގުރުބާނީތަކެއް ވަމުން ކަން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިއަދު ފެންނަމުން ދަނީ ހިންގަން ނޭނގޭ ބަޔަކާއި ގައުމު ހަވާލުކުރުމުގެ ހިތި ނަތީޖާކަމަށާއި، ރާއްޖޭގެ މިވަގުތުގެ އިގްތިސާދީ ހާލަތު ހުރިގޮތުން ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރެވެން ނެތް ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، އިގްތިސާދު ރަނގަޅު ހާލަތަކަށް އައުމުން ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން އިސްކަން ދޭނެކަމަށެވެ.
މީގެ އިތުރުން އެމްޑީޕީން މިވަގުތު މިފަދަ ގަރާރެއް ހުށަހެޅީ މިހާރުގެ މަޖިލީހުގެ ވިސްނުން ހުރިގޮތް ބަލައި، ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށްވާތީ، ހުރިހާ ރަށެއްގެ ކައުންސިލަރުންނާއި ރައީސުން މިކަމާ މެދު ފުންކޮށް ވިސްނަން ޖެހޭކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.
މުސާރަ ބޮޑުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް މީކާއިލް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ފަރާތްތަކަކީ ލޯކަލް ކައުންސިލުތަކުގެ ކައުންސިލަރުން ކަމަށެވެ.
އެގޮތުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލުތަކަށް އިންތިހާބުވެފައި ތިބި ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް އިތުރުވެފައިވާތީ، އަދި މަސައްކަތުގައި ކުރިއަށްވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭތީ ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށް އެ ގަރާރުގައިވެއެވެ. އެހެންވެ، އެކަމާ މެދު މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދޭން އޭނާ އެދިވަޑައިގަތެވެ.