އއ. އުކުޅަހުގައި ތަރައްގީކުރާ ފުލުހުންގެ އިދާރާގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ގިއުގަނޑުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.
ފުލުހުންގެ އިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިދިޔަ އަހަރު އޮގަސްޓް މަހު ފަށާފައިވާ އިރު، މި މަޝްރޫއުގެ ދަށުން، 5200 އަކަފޫޓުގެ ސަރަހައްދެއްގައި ޕޮލިސް އިމާރާތަކާއެކު ކުށްވެރިން ބައިތިއްބާ ތަނެއް ހެދުމަށް ވަނީ ހަމަޖައްސާފައެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަސްތެރޭ ނިންމާގޮތަށް، 7.11 މިލިއަން ރުފިޔާ އަށެވެ.
ރާއްޖޭގައި ކުށްކުރާ މީހުން މަދުކޮށް، ގާނޫނާއި ގަވާއިދަށް ދިވެހިން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފުލުހުން ދެމުން އަންނަ ހިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ސަރުކާރުންނާއި، ފުލުހުންގެ ހިދުމަތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށަކުން ފުލުހުންގެ ހިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.