ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލޭގެ ޒަރީއާއިން ޖެހޭ ބަލިތައް ޓެސްޓްކުރުމަށް ބޭނުން ކުރާ، "ނިއުސެލިކް އެސިޑް ޓެސްޓް" ނުވަތަ "ގޯލްޑެން ސްޓޭންޑަރޑް" ގެ ޓެސްޓުގެ ޚިދުމަތް އަންނަ ޖުލައި މަހު ފެށޭނެ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެފިއެވެ.

ލޭ ހަދިޔާ ކުރާ މީހާ ލޭ ދިނުމުގެ މަރުހަލާ ފުރިހަމަކުރުމުގެ ކުރިން، ލޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރުވެސް ލޭގެ ޓެސްޓްތައް ހަދައެވެ.

ދައުލަތުގެ މީޑީއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، ބްލަޑް ސަރވިސަސްގެ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާ އެންޑް ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު، ވިދާޅުވީ ލޭ ދޭ މީހާއާއި ލޭ ބޭނުންވާ މީހާގެ ރައްކާތެރިކަމަކީ، އެ އިދާރާއިން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއް ކަމަށެވެ.

ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޓެސްޓްތައް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ. އުމަރު ވިދާޅުވީ ވަކި ބަލިތަކަކަށް ޓެސްޓުކުރުމަށްފަހު ނޫނީ މިހާރުވެސް ލޭ ނާޅާނެ ކަމަށާއި މި ޓެސްޓްތައް ހެދުމަށް މިހާރު ބޭނުން ކުރާ މެތަޑަށް ވުރެ ރަނގަޅު މެތަޑެއް ބޭނުން ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

ލޭގެ ޒަރީއާއިން ދަތުރުކުރާ ބަލިތައް ދެނެގަތުމަށް ކުރިން ބޭނުން ކުރަމުން އައި ގޮތުގެ ބަދަލުގައި، "ނިއުސެލިކް އެސިޑް ޓެސްޓް" ބޭނުން ކުރުމުގެ މަރުހަލާ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް ޑރ. އުމަރު ވަނީ ވިދާޅުވެފައެވެ.

އިރާދަކުރެއްވިއްޔާ މެޝިން އިންސްޓޯލްކޮށް ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި އެ ޚިދުމަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ހާމަކުރާ ގޮތުގައި، ލޭ ހަދިޔާކުރާ ފަރާތްތައް ކުރިއާއި އަޅާ ބަލާއިރު ދަނީ އިތުރުވަމުންނެވެ.

އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ތިމާގެ ހަށިގަނޑުގެ ލޭ، އެއްވެސް ބަދަލަކާ ނުލައި ހަދިޔާކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމަށް، ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ.