މިދިޔަ މެއި މަހު ރާއްޖެއިން އެކްސްޕޯޓްކުރި ދަޅު މަހުގެ އަގު 38 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުގައި މޭ މަހު ރާއްޖެއިން ޖުމްލަ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. ރާއްޖެއިން އެންމެ ގިނައިން ބޭރުކުރަނީ ދަޅުގައި ބަންދުކުރި މަހާއި، ގަނޑުކުރި ކަޅުބިލަ މަހާއި ކަންނެލީގެ ބާވަތްތަކެވެ.

މޭ މަހު ރާއްޖެއިން ދަޅުގައި ބަންދުކުރި މަސް ބޭރުކުރި މިންވަރު އެޕްރީލް މަހާ އަޅާ ބަލާއިރު ވަނީ %22.5 އިތުރުވެފައެވެ.

ދިވެހި އެންމެ ގިނައިން އެކްސްޕޯޓުކުރި ގައުމުތަކަކީ އިނގިރޭސިވިލާތަށް 36 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، ތައިލޭންޑަށް 35 މިލިޔަން ރުފިޔާ، ފަރަންސޭސިވިލާތަށް 6 މިލިޔަން، އިންޑިޔާއަށް 5 މިލިޔަން އަދި ޖަރުމަނަށް 4 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ.

އޭގެއިތުރުން ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކަކީ ދަޅު މަސް 38 މިލިޔަން ރުފިޔާ، ގަނޑުކުރި ކަޅުބިލަ މަސް 27 މިލިޔަން ރުފިޔާ، އަދި ގަނޑުކުރި ކަންނެލި މަސް 18 މިލިޔަން ރުފިޔާގެ މަހުގެ ބާވަތްތައް ވަނީ އެކްސްޕޯޓުކޮށްފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވެފައިވުމުން މަސްވެރިން މަހަށް ނިކުތުމަށް ހިތްވަރުދިނުމުގެ ގޮތުން މިފްކޯއަށް މަސް ގަންނަ އަގު ވަނީ ކިލޯއެއް 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.