ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިދުގެ ތެރެއިން ކަމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މި ގޮތަށް ނިންމީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ޢާންމު ޖަލްސާގައެވެ.
ވެޓް މާރުކެޓް ހުރި ބިން، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް އެދި އެ މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވުމާ ގުޅިގެން މި ކަމަށް ގޮތެއް ނިންމުމަށް ކުރެވުނު މަޝްވަރާގައި، ކައުންސިލުން ބުނެފައިވަނީ، މި މައްސަލައިގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ހައުސިންގ މިނިސްޓްރީން ވެސް އެ ބިން ހަވާލުކުރުމަށް އެދި ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ ތަނަކީ، ނިމިދިޔަ ދައުރުގައި އެ ތަން ތަރައްޤީ ކުރުމަށް ދެ ކުންފުންޏަކަށް އެގްރީމެންޓް ކޮށްފައިވާ ތަނެއްކަމުން، އެ ކޮންޓްރެކްޓް ބާޠިލް ކުރުމަށް ފަހު މެނުވީ އެހެން ފަރާތަކަށް ބިން ނުދެވޭނެ ކަމަށް މޭޔަރު ޢާދަމް ޢާޒިމް ވިދާޅުވިއެވެ.
އަދި މިކަމާ ގުޅޭ ހުރިހާ މަޢުލޫމާތެއް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ޙިއްސާ ކޮށްފައިވާނެ ކަމަށް ވެސް މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
ައާޒިމް ވިދާޅުވީ އެހެން ފަރާތަކާ ހަވާލުކޮށްފައި އޮންނަ ބިމެއް، އެ ކޮންޓްރެކްޓް ބާޠިލް ނުކޮށް ދެވަނަ ފަރާތަކަށް ނުދެވޭނެ ކަމަށާއި އެހެން އޮތް ކަމެއް، އެ ބޭފުޅުންނަށް އެނގިތިއްބަވައިގެން، ސިޓީ ކައުންސިލާ މަޝްވަރާވެސް ނުކޮށް އެ ބޭފުޅުން އަތުގައި ނެތް ބިމެއް އިތުރު އެހެން ބަޔަކަށް އެގްރީމެންޓްކޮށް، ސަރުކާރު ފަރާތުން ހައުސިންގ މިނިސްޓަރ ސޮއި ކުރުމަކީ ވަރަށް ބޮޑަށް ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށެވެ.
އެގޮތުން މިކަމުން ސަރުކާރު އިތުރަށް ބަދުނާމުވަމުންދާ ކަމަށާއި މީގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމަށް މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
އެ ޖަލްސާގައި، މި މައްސަލައާއި ގުޅިގެން ސިޓީ ކައުންސިލުން ހައުސިންގް މިނިސްޓްރީއަށް ފޮނުވި ސިޓީ ވަނީ ހާމަކޮށްފައެވެ.
އެ ސިޓީގައި، ކައުންސިލުން ދެ ފަހަރެއްގެ މަތިން އެގްރީމެންޓް ކުރެވުނު ގޮތުގެ ތަފްސީލު ބަޔާނާއި އެ ޕްރޮޖެކްޓް އޭރުގެ ހައުސިންގ މިނިސްޓްރީން ކުރިޔަށް ގެންދިއުމަށް ނިންމުމުން، އެ ޕްރޮޖެކްޓާ ގުޅޭ ލިޔެކިއުންތައް ހައުސިންގ މިނިސްޓްރީއަށް ގެންގޮސްފައިވާކަން އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
އެ ލިޔެ ކިއުންތައް ގެންގޮސްފައިވަނީ، އުސޫލްތަކާ ޚިލާފަށް ކަން ވެސް އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުންތައް ބާޠިލް ކުރުމަށް ފަހުގައި ކަމަށާއި، ޤާނުނީ ގޮތުން އެ މައްސަލައާއި ގުޅުން ހުރި އެތައް ކަމެއް އެ ސިޓީގައި ބަޔާން ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވެފަައި ވެއެވެ.
މީގެ އިތުރުން މި ކަމާ ގުޅިގެން ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ހައުސިންގ މިނިސްޓްރީއާ ބައްދަލުކޮށް، މި މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ހައުސިންގ މިނިސްޓްރީން މި ކަމަށް އެއްބާރުލުން ލިބެންދެން މަސައްކަތް ހުއްޓައިނުލައި ކުރިޔަށް ގެންދިއުމަށް ވެސް، ކައުންސިލަރުން ވަނީ ނިންމާފައެވެ.
މާލެ މާސްމާރުކޭޓަކީ، ވަރަށް ބޮޑަށް ވިރާނާވެފައިވާ ތަނެއް ކަމަށާއި، ރަނގަޅު ފެންވަރުގައި، ވީހާ ވެސް އަވަހަށް ތަރައްޤީކޮށް ރައްޔިތުންނަށް ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް މޭޔަރު ޢާޒިމް ވަނީ ވިދާޅުވެފައެވެ.