ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާ ކުރާ "ގަން މިސްކިތް ކޮމްޕްލެކްސް"ގެ ބިންގާ އަޅައިފިއެވެ.
މިއީ ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އަދި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ 2 ފަންގިފިލާއަށް ބިނާކުރާ މި ކޮމްޕެލްކްސްގައި އެއްފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ. އަދި މަލްޓި ޕަރޕަސް ހޯލަކާއި ލައިބްރަރީއެއްވެސް މިތަނުގައި ހުންނާނެކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
"ގަން މިސްކިތް ކޮމްޕްލެކްސް"ގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންގެ އިތުރުން ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އާއިލާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.