ޕޭޕަލްފަދަ ދުނިޔޭގެ ނަން މަޝްހޫރު އިތުރު ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީތައް ކުރިއަށްއޮތްތަނުގައި ދިވެހި ޒުވާނުންނަށް މި ސަރުކާރުން ގެނެސްދޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކޮށްފައި ވަނީ ސަރުކާރާއި އުރީދޫ މޯލްޑިވްސް ގުޅިގެންނެވެ. އެގޮތުން ޕޭޕަލްގެ ޚިދުމަތް ލިބޭނީ އުރީދޫގެ އެމްފައިސާ މެދުވެރިކޮށެވެ.

"ޕޭޕަލް" ގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމާއި ގުޅިގެން "ޕޭޕަލްގެ ޚިދުމަތް ދިވެހިންނަށް" މި ނަމުގައި ބޭއްވި މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދާނަމަ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބެވެން ނެތްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްމުން ގެންދަނީ ކުރިއަށްއޮތްތަނުގައި ޕޭޕަލްފަދަ މިހާރު ދުނިޔޭގައި އެންމެ ނަން މަޝްހޫރު އިތުރު ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ގެނެސްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި 2030 ވަނަ އަހަރު އަންނަންވާއިރަށް ޑިޖިޓަލް އިޤްތިޞާދަކީ، ޤައުމުގެ އިޤްތިޞާދުގެ 15 އިންސައްތައަށް ހެއްދެވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.

"މިހާރު ޕޭޕަލް ރާއްޖެއަށް ތަޢާރަފްވެގެން މި ދިޔައީ. އެހެންވީމަ ރާއްޖޭގެ ފްލެގް އިންނާނެ ޕޭޕާލްގައި. އަދި ޕޭޕަލްގެ ފްލެގް ރާއްޖޭގެ އިކޮނޮމީގައި ބިންވަޅު ނެގިގެން އެދިޔައީ. ޕޭމަންޓްސް ރިސީވްވާނެ. ރިއަލްޓައިމް ސީމްލެސްކޮށް މަސައްކަތްވެސް ކުރާނެ."

ވަޒީރު ސައީދު

މީގެއިތުރުން، ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ޕޭޕަލް ފަދަ އީ-ވޮލެޓެއްގެ ޚިދުމަތާއެކު އަމިއްލަ އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި މާކެޓްކޮށްގެން އާމްދަނީ ހޯދުމުގެ ފަހި ފުރުޞަތުތަކެއް ދިވެހި ވިޔަފާރިވެރިންނަށް ހުޅުވިގެންދާނެ ކަމަށްވެސް ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.