މިދިޔަ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 2.7 ބިލިޔަން ރުފިޔާ ލިބިފައިވާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 28.5 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
އިންކަމް ޓެކުހުގެ ގިންތިތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ބޭންކުތަކުން ނަގާ ޓެކުހަށެވެ. ބޭންކްތަކުގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މިއަހަރު 490 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު ލިބުނު 159 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 208 އިންސައްތައިގެ ކުރިއެރުމެކެވެ.
ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން 1.3 ބިލިޔަން އިންކަމް ޓެކްސް ނަގާފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 8.3 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި 735 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 40 އިންސައްތައިގެ އިތުރުވުމެކެވެ.
އަދި އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކުހަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ފަސް މަހު 214 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 200 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 11.8 އިންސައްތައިގެ ކުރިއެރުމެކެވެ.
އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ ޓެކުހެކެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށައިފައިވަނީ 1 ޖެނުއަރީ 2020 އިން ފެށިގެންނެވެ.