ދައުލަތުގެ ޚަރަދުތަކާއި، ބޭރުގެ މާލީ މުއާމަލާތްތަކާއި އަދި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، ފާއިތުވި އަހަރު ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހާމަކޮށްފިއެވެ.
އައިއެމްއެފް އިން އެކުލަވާލި ރިޕޯޓެއްގައި ބުނީ، އިގްތިސާދީ އަދި މާލީ ގޮތުން ކުރިމަތިވި ދަތި މާހައުލުގައިވެސް ރާއްޖޭގެ އިގްތިސާދު ހިފަހައްޓާލާފައިވަނީ ހަރުދަނާކަމާއެކުގައި ކަމަށެވެ. އަދި ދައުލަތުން ދައްކަންޖެހޭ ދަރަނިތައް، އޭގެ ތެރޭގައި ރަސްމީ ފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުންދާކަންވެސް އައިއެމްއެފް އިން ވަނީ ފާހަގަކޮށްފައެވެ. މި ކުރިއެރުންތަކާއެކު، ރާއްޖޭގެ މާލީ ނިޒާމު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލުން އޯޕަން މާކެޓް އޮޕަރޭޝަންސް ފެށުމަށް ނިންމި ނިންމުމަށް އައިއެމްއެފް އިން ވަނީ މަރުހަބާ ކިޔާފައިވެއެވެ. އަދި އެ ވަސީލަތުގެ ބޭނުން ހިފަމުން ގެންދިއުމަކީ މަނިޓަރީ ސިޔާސަތުތައް ހަރުދަނާކުރުމަށް އެޅޭ ބާރެއް ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބި، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށް އެހީތެރިވެދީފައިވާކަން ވެސް އެ ފަންޑުން ވަނީ ފާހަގަކޮށްފައެވެ.
މާލީ ދާއިރާގެ ހަމަޖެހުން ދަމަހައްޓައި، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، މާލީ ދާއިރާ ސުޕަވައިޒްކުރުމުގައި އަބަދުވެސް ސަމާލުވެ ތިބުމަށް އައިއެމްއެފް އިން ވަނީ ލަފާދީފައެވެ. އަދި މަރުކަޒީ ބޭންކާއި މާލީ ދާއިރާގެ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމަކީ، ބޭންކުތައް ބެލެހެއްޓުމާއި މާލީ ކާރިސާތައް މެނޭޖުކުރުމުގެ ނިޒާމު ވަރުގަދަވެގެންދާނެ ކަމެއް ކަމަށްވެސް އެ ފަންޑުން ބުނެފައިވެއެވެ. މިފަދަ އިސްލާހުތަކުގެ ސަބަބުން ސިޔާސަތުތަކަށް އޮންނަ އިތުބާރު ބޮޑުވެ، ކުރިމަތިވެދާނެ އިގްތިސާދީ ލޮޅުންތަކަށް ކެތްކުރުމުގެ ގާބިލުކަން މާލީ ނިޒާމުގައި އިތުރުވެގެންދާނެ ކަމަށް އައިއެމްއެފް އިން ބުނެއެވެ.
އައިއެމްއެފް އިން ބުނީ ދައުލަތުގެ ދަރަންޏާއި ބޭންކިންގް ދާއިރާއާ ދެމެދު އޮތް ގުޅުން ބޮޑުވުމަކީ، އެކަމަށް އެދެވޭ ހައްލެއް ނުގެނެސްފިނަމަ މާލީ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، މާލީ ނުތަނަވަސްކަން ކުޑަކޮށް، ދައުލަތުގެ ދަރަނި ދަށްކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ސިޔާސަތުތަކަށް ބަދަލު ގެނައުމަށް އެ ފަންޑުން އިރުޝާދު ދީފައިވެއެވެ. މި ފިޔަވަޅުތައް އަޅަންވާނީ މާލީ ދާއިރާގެ ހަމަޖެހުން ދަމަހައްޓައި، މުޖުތަމައުގެ ނާޒުކު ފަންތީގެ މީހުންނަށް ކުރާނެ އަސަރުތަކުން އެފަރާތްތައް ހިމާޔަތްކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.