ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަޞްދީޤުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް ފޮނުއްވާފައިވާ "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު" މުރާޖަޢާކުރައްވައި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާތީ، އެމަނިކުފާނު އަލުން އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް އެ ބިލު އަނބުރާ ފޮނުއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއަކާ އެކުގައެވެ.

އެގޮތުން އެ ސިޓީގައި ބިލު ތަޞްދީޤު ނުކުރައްވައި އަނބުރާ ފޮނުއްވާލެއްވި މައިގަނޑު ސަބަބުތަކާއި، ބިލުގައި ހުރި ގާނޫނީ އަދި އިޖުރާއީ ކަންބޮޑުވުންތައް ވަނީ ތަފްސީލުކޮށް ހާމަކުރައްވާފައެވެ.

އެގޮތުން ރައީސް ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައި، ގައިދީން ގުނަވަން ހަދިޔާކުރުމާ ގުޅޭގޮތުން ބިލަށް ގެނެސްފައިވާ ބަދަލުތައް ހިމެނޭކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބިލު ހުށަހެޅިއިރު، ގައިދީންނަކީ މަޖުބޫރުކަމެއް ނެތި ފުރިހަމަ މިނިވަން އިޚްތިޔާރުގައި ރުހުން ދެވޭނެ ބައެއް ކަމަށް ނުބެލެވޭތީ އެ ފުރުސަތު ހަނިކޮށްފައިވާ ކަމަށާއި، ނަމަވެސް މަޖިލީހުން ބިލު ފާސްކުރިއިރު އެ ޝަރުޠުތައް އުނިކޮށްފައިވާތީ، އެކަމުގެ ސަބަބުން ބިލު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އަދި ގިޞާޞް ހިފުމާއި މަރުގެ ދިޔަ ދިނުމާ ގުޅޭ ގޮތުން ބިލުގައި ހުރި މާއްދާތަކުގައި ކުށުގެ އަމަލާއި އަދަބު ސާފުކޮށް ބަޔާންވެފައި ނެތުމަކީ، ޝަރީޢަތުގެ އުޞޫލުތަކުން ބޭރުން އަދަބު ތަންފީޒުވުމުގެ ބިރު އޮތް ކަމެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ވިދާޅުވީ، ބިލުގެ އިޖުރާއީ ކަންކަމަށް ބަލާއިރު، ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށް ކަނޑައަޅާފައިވާ މުއްދަތާއި، ގާނޫނަށް އަމަލުކުރަން ފަށާ މުއްދަތާ ދެމެދު ފުށުއެރުންތަކެއް ހުރިކަމަށެވެ.

މިގޮތުން އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އުފެއްދުމުގެ ކުރިން، އެ ކައުންސިލުގެ ލަފާގެ މަތިން ހަދަންޖެހޭ ގަވާއިދުތައް ހެދުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ރައީސްގެ ސިޓީފުޅުގައި ވިދާޅުވިއެވެ.

އެހެންކަމުން މި ބިލު އަނބުރާ ފޮނުއްވަމުން، ރައީސް ވަނީ މަޖިލީހުން އެ ނުކުތާތަކަށް ރިޢާޔަތްކޮށް ބިލު އަލުން މުރާޖަޢާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.