ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސަކަށް ޢައްޔަންކުރައްވާފައިވާ މުޙައްމަދު ނިޒާރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މި މަޤާމަށް ނިޒާރު ޢައްޔަންކޮށްފައިވަނީ ޕީސީބީގެ ރައީސް މަޤާމުގައި ހުންނެވި ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.

ޕީސީބީގެ ރައީސް ނިޒާރަށް ރުހުން ހޯއްދެވުމަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ނިޒާރަކީ، ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެކެވެ.

މީގެ ކުރިން 2014 އިން 2019 އަށްވެސް ނިޒާރު ވަނީ ޕީސީބީގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. އެ މުއްދަތުގައި ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި ނިޒާރުވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމުތައް ހަރުދަނާކޮށް، މަސައްކަތުގެ ހިންގުން ހަލުވިކުރުމުގައި ވެސް ނިޒާރުގެ އިސްނެންގެވުން ފާހަގަކޮށްލެވެއެވެ.