ފެންހޫނުކުރާ ޕޮޓެއްގައި ރޯވެ ހުޅުމާލޭ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލެ ފޭސް 1ގެ 141ވަނަ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުން ކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ރޭ ފަތިހު 4:32 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 4:58 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ސަބަބުން 6 މީހަކަށް ދުމުގެ އަސަރުކޮށްގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.
މި ހާދިސާ ހިނގިތަނުގައި ދިރިއުޅުނު އާއިލާގެ ހަ މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި ހާދިސާއާ ގުޅިގެން އެތަނަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް އެސެސްމެންޓް ހެދުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.