ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގަވާއިދާ ޚިލާފަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ކުރި ޕޯސަޓެއްގައި ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ރާއްޖެއަށް ގެނައި ޝިޕްމަންޓެއްގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން، މި މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ޝިޕްމަންޓުގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި 1،108 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

މީގެ އިތުރުން 27 ވޭޕް ޑިވައިސް ވެސް މި ޝިޕްމަންޓުގެ ތެރެއިން ފެނިފައިވާ ކަމަށާއި، އެ ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މިގޮތުން ޤާނޫނާ ޚިލާފަށް އެ ތަކެތި އެތެރެކުރަން އުޅުނު މައްސަލަ ކަސްޓަމްސްއިން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.